މަސްވެރިން ބާނާ މަހަށްވާ ފައިސާ ނުލިބި ގިނަ ދުވަސްވާތީ އެކަމުގެ ސަބަބުން މަސްވެރިންނަށް އެތައްދަތި ތަކެއް ކުރިމަތިލާން ޖެހޭތީ، މަސްވެރިންނަށް އެފައިސާ ދޫކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ ހުށަހެޅުއްވި ގަރާރު މަޖިލީހުން ބަލައިގަނެފި އެވެ.
މި ގަރާރު ރޮޒައިނާ މަޖިލީހަށް ފޮނުވީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. މިއަދުގެ ޖަލްސާގައި މި ގަރާރުގެ އިބުތިދާއީ އަޑުއެހުން ނިންމުމަށްފަހު، މަޖީލީހަށް ގަރާރު ބަލައިގަންނަން މިއަދުގެ ޖަލްސާގައި ވޯޓަށް އެހިއިރު ޖަލްސާއަށް ހާޒިރުވެ 62 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވީ 45 މެންބަރުންނެވެ. 44 މެންބަރުން ފާސްކުރަން ވޯޓު ދެއްވި އިރު، އެއް މެންބަރަކު ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވި އެވެ.
ގަރާރު ފާސްކުރަން ބޭނުންވަނީ 23 ވޯޓެވެ. ފާސްކުރަން ބޭނުންވާ މިންވަރަށް ވޯޓު ލިބުމާއެކު މަޖިލީހަށް މިއަދު މިގަރާރު ބަލައިގަނެ، މަޖިލީހުގެ ގަވައިދުގެ 97 ވަނަ މާއްދާގެ(ރ) ގެ ދަށުން މި ގާރާރު ދިރާސާކުރުމަށް މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަރާރުގެ އިބްތިދާއި ބަހުސް ނިންމަވާލެއްވުމުގެ ގޮތުން ރިޔާސަތުން ދެއްވި ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، އިބްތިދާއީ ބަހުސްގައި ގިނަ މެންބަރުން މުހިންމު ޚިޔާލުތަކާއި ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށެވެ. އަދި ހުށަހެޅި ގަރާރުގައިވާގޮތަށް މަސައްކަތް ކުރިޔަށްގެންދިއުމަށް މަސްވެރިންނަށް ފައިސާ ނުދީ ލަސްވުމަށް ދިމާވާންޖެހޭ ސަބަބު ކޮމިޓީގެ މަރުހަލާގައި ދިރާސާ ކުރުމަށްފަހު، ރޯދަމަހުގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ ޚަލާސްކުރުމަށް ބާރު އަޅައި ދިނުމަށް އެދޭކަމަށެވެ.
ރޮޒައިނާގެ ގަރާރުގައި ވިދާޅުވެފައި ވަނީ މަސްވެރިން ކުރާ މަސައްކަތުގެ އަގު މަސްވެރިންނަށް ލިބުމަކީ މަސްވެރިންގެ ހައްގަކަށްވާތީ އާއި، ގައުމުގެ އިންތިސާދާއި ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ މިފަދަ މުހިންމު ކަމެއްގައި ސަރުކާރުން ވެފައިވާ ވައުދުތަކާއި، މަސްވެރިންނަށް ލިބިދޭ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށެވެ. އަދި، ކުރިއަށް އޮތީ ރޯދަ މަހަށް ވެފައި، ރާއްޖޭގެ އެތަކެއް އާއިލާތަކުގެ ކަންކަން ބިނާވެފައި ވަނީ މަސްވެރިންނަށް ލިބޭ އާމްދަނީގެ މައްޗަށް ކަމަށާއި، އެމީހުންނަށް ލިބެން ޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އާއިލާތައް ހާލުގައި ޖެހިފައިވާ ކަމަށް ވިދާޅުވެ، މަސްވެރިންނަށް ދޭން ހުރި ފައިސާ ޚަލާސްކުރުމަށް ސަރުކާރަށް ގޮވާލާފައި ވެއެވެ.