ހއ. އިހަވަންދޫ ”ނޯއާ“ ދޯނިން މަހަށް ގޮސްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު، އެ އޮޑީގެ ވެރިފަރާތުން ހުޅުވާލައިފި އެވެ.
އުމްރާ ދަތުރާ ގުޅޭ ގޮތުން އޮޑިވެރިޔާ އަބްދުލްހަލީމް ޢަބްދުއްނާޞިރު ”ކެޔޮޅާ“ އަށް ވިދާޅުވީ، އުމްރާއަށް ދިއުމުގެ ފުރުސަތު ދޭން ނިންމީ މަސްވެރީންނަކީ ބާނާ މަހުން އުޖޫރަލިބޭ ބަޔަކަށްވުމުން، އުމްރާ ނުވަތަ ހައްޖަށް ދިއުމުގެ ވިސްނުންގެންގުޅޭ ބައެއް މަސްވެރިންނަށް އެކަންކުރުމަށް ދަތިވެފައިވާތީ އެފަދަ ފަރާތްތަކަށް ފުރުސަތެއް ދިނުމުގެ ގޮތުންނާއި، ވަކީން ޚާއްސަކޮށް ދިވެހީން މަސްވެރިކަމަށް ނިކުތުމަށް ހިތްވަރު ދިނުމުގެގޮތުންކަމަށެވެ.
”މަސްވެރިންނަކީ މުސާރައަކަށް އުޅޭ ބައެއް ނޫން. ބާނާ އެއްޗަކަށް ބަރޯސާވެފަ މިއޮންނަނީ. ހައްޖަށް އުމްރާއަށް ދާން ވިސްނުން ހުރޭ އެކަމު ނުވޭ. އެހެންވީމައި އެކަހަލަ ވިސްނުން ގެންގުޅޭ ފަރާތްތަކަށް ފުރުސަތު ދިނުން ފުރަތަމަ ވިސްނުމަކީ. އަސްލު މީގެ އެންމެ ބޮޑު ބޭނުމަކީ މިހާރު ދިވެހީން މަހަށް ނިކުންނަލެއް މަދުކަމުން މަހަށް ނިކުތުމަށް ހިތްވަރު ދިނުން. މަސްވެރިކަމަކީ ދިވެހީންގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތެއް. އެހެންނަމަވެސް ފަހަކަށް އައިސް ދިވެހީން މަސްވެރިކަމާ ދުރަށްޖެހި މިހާރު ބިދޭސީންނަށް ބަރޯސާވެފަ މިއޮތީ. އެކަން ހުއްޓުވައި ދިވެހީންގެ އަތްމައްޗަށް މަސްވެރިކަން އަނބުރާ ގެނައުން ބޭނުމަކީ. އަދި ދިވެހީން މަސްވެރިކަމަށް ޝައުގުވެރިކުރުވުން.“ އަބްދުލްހަލީމް ޢަބްދުއްނާޞިރު ވިދާޅުވި އެވެ.
އަބްދުލްހަލީމް ޢަބްދުއްނާޞިރު ވިދާޅުވީ، އުމްރާ ދަތުރަށް ހުޅުވާލި ފުރުސަތުގައި ބައިވެރިވެވޭނީ ”ނޯއާ“ ދޯނީގައި ފަޅުވެރިއެއްގެގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށްކަމަށެވެ. އެގޮތުން، އުމްރާގެ ދަތުރުގެ ނަސީބުވެރިޔާ ހޮވާނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެއް އަހަރުގެ މުއްދަތަކަށް ”ނޯއާ“ ދޯނީގައި މެދުނުކެނޑި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ މެދުގައި ނެގޭ ގުރުއަތަކުންކަށެވެ. އަބްދުލްހަލީމް ޢަބްދުއްނާޞިރު ވިދާޅުވީ، މިއީ ފެށުން ކަމަށާއި، ކުރިޔަށް އޮތް ތާނގައިވެސް އަހަރަކު އެއްފަހަރު އެ ދޯނީގެ ފަޅުވެރިޔަކު އުމްރާއަށް ފޮނުވުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ.
”ނަސީބުވެރި ފަރާތް އުމްރާއަށް ފޮނުވާނީ، އުމްރާއަށް ދިވެހީން ގެންދާ އިންތިޒާމުތައް ރަނގަޅު ގްރޫޕަކުން. މި އަހަރު ހޮވާ ފަޅުވެރިޔާ އުމްރާއަށް ފޮނުވާނީ އަންނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި. އިރާދަކުރެއްވިއްޔާ މީ ފެށުން. ވިސްނުން ހުރީ ކުރިޔަށް އޮތް އަހަރުތަކުގައިވެސް ކޮންމެ އަހަރަކު އެއް ފުރުސަތު މިދޯނީގެ ފަޅުވެރިންނަށް ދޭން.“ އަބްދުލްހަލީމް ޢަބްދުއްނާޞިރު ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ އުމްރާ ދަތުރުގެ ގުރުއަތުގައި ބައިވެރިވެވޭނީ ހަމަ އެކަނި ދިވެހި ފަޅުވެރިންނަށް ކަމަށާއި، އެ ފަޅުވެރިޔާ ވާންވާނީ މަސައްކަތަށް ހީވާގީ އަދި އިޚުލާސްތެރި މީހަކަށް ކަމަށެވެ. އަދި މިދަތުރަށްް ޝައުގުވެރިވާނަމަ ހަލީމްއާ ގުޅުއްވައިގެން ކުރިޔަށްގެންދިއުމަށް އެދިފައި ވެއެވެ. ހަލީމްގެ މޯބައިލް ނަންބަރަކީ 9666699 އެވެ.
އަބްދުލްހަލީމް ޢަބްދުއްނާޞިރަކީ، ހއ. އިހަވަންދޫގައި އޮޑި ފަހަރު ބަނުމާއި، އޮޑިފަހަރު ހިންގުމާއި، އޮޑިފަހަރުގައި އިންޖީނު އަޅައިދިނުމާއި، މަރާމާތުކުރުމުގެ މަސައްކަތްކުރަމުން އަންނަ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އެ އާއިލާއިން މިހާރުވެސް އެރަށުގައި ބޯޓްޔާޑެއް ހިންގައެވެ. ”ނޯއާ“ ދޯންޏަކީ އެތަނުން ބަނދެ މަހަށް ނެރެފައިވާ އޮޑިއެކެވެ. އެ އޮޑި މަހަށް ނިކުންނަތާ 4 އަހަރުވެއްޖެއެވެ. މިވަގުތު އެ އޮޑީގައި އާންމުކޮށް މަހަށް ދަނީ 13 ފަޅުވެރިންނެވެ.