ދ. މީދޫ އަށް ޚާއްސަ ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މީދޫ ވަދު ކަނދުފަތި މިއަދު އަޅާފައިވަނީ އެރަށުގެ އިރުން 5.5 މޭލު ބޭރުގައި ކަމަށެވެ. ވަދު ކަނދުފަތި ނަންބަރަކީ، K09V02 ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ޓީމުން ވަނީ، މިދިޔަ ބުދަ ދުވަހު ކ. ގާފަރު ކައިރީގައިވެސް ވަދު ކަނދުފައްޗެއް އަޅާފަ އެވެ. ގާފަރު ވަދު ކަނދުފަތި އެޅީ އެރަށުގެ އިރުން 4.5 މޭލު ބޭރުގައެވެ. ވަދު ކަނދުފަތީގެ ނަންބަރަކީ G10V01 އެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަކޮށް އަޅަމުން އަންނަ ކަނދުފަތިތަކެކެވެ. އެހެން ނަމަވެސް، އެ ކައިރީގައި ދޮށީގެ މަސްވެރިކަން ކުރެވޭ ގޮތަށް މަސްވެރިކަމާއި ބެހޭ އާންމު ގަވާއިދަށް ދާދި ފަހުން ވަނީ އިސްލާހު ގެނެސްފައެވެ. ވަދުކަނދުފަތި ކައިރިން އެއް މޭލު ސަރަހައްދެއްގައި އަތުނަނު ބޭނުންކޮށްގެން ދޮށީގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުން މީގެކުރިން މަނާކޮށްފައިވީނަމަވެސް، ގަވާއިދަށް ގެނައި އިސްލާހާއެކު، ވަދުކަނދުފަތިތައް ކައިރީ މިހާރު ދޮށީގެ މަސްވެރިކަން ކުރެވޭނެއެވެ.