back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އޮޑިފަހަރު ބަންނަ ފަރާތްތަކަށް ރަހުނަކާ ނުލައި ލޯނު ނެގޭނެ އިންތިޒާމު ހަމަޖައްސަނީ

އޮޑިފަހަރު ބަންނަން ބޭނުންވާ ފަރާތްތަކަށް ބޭންކިންގ ނިޒާމުގެ ތެރެއިން ރަހުނަކާ ނުލައި، ލުއިގޮތެއްގައި، ލޯނު ނެގޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރޭ އެ އަތޮޅު އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޮޑިދޯނިފަހަރު ބަނުމާއި، ޔޮޓު ބަނުމުގެ މަސައްކަތާއި، މާވަޑިކަމުގެ މަސައްކަތް ކުރުމަކީ ޖުމްލަކޮށް، ރައްޔިތުންގެ އިޤްތިޞާދީ ތަރައްޤީއަށް ވަރަށް މުހިންމު ކަމެއްކަމަށެވެ. އެހެންކަމުން، އޮޑިފަހަރު ބަނުމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށް ވަރަށް މުހިންމު ކަންތައްތަކެއް ކުރަން ސަރުކާރުގެ ސިޔާސަތުގައި އެމަނިކުފާނު ކަނޑައަޅުއްވާފައިވާނެކަމަށެވެ.

އެމަނިކުފާނު އިންނަމާދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ އިސްކޮށް މަސައްކަތް ކުރައްވާ ބައެއް މާވަޑިންނާއެކު ބޭއްވެވި މަޝްވަރާއަށް އަލިއްޅުއްވާލައްވަމުން ވިދާޅުވީ، އޮޑިފަހަރު ބަނުމުގެ ދާއިރާގެ ބޭފުޅުންނަށް މައިގަނޑު ގޮތެއްގައި އޮތް ދަތިކަމަކީ، އެ އިންޑަސްޓްރީގައި މަޝްރޫޢުތައް ހިންގައިގެން ކުރިއަށް ދިޔުމަށް ބޭންކުގެ ނިޒާމުގެތެރެއިން، ފައިސާ ހޯދުމަށް ނުވަތަ ލޯނު ނެގުމުގައި ފަހިގޮތްތަކެއް ގާއިމުވެފައި ނެތުންކަމަށެވެ. އެހެންކަމުން ސަރުކާރުގެ މަޝްރޫއުތަކުގެ ތެރެއިން ދިވެހިން ހަރަކާތްތެރިވާ ދާއިރާތަކަށް އިސްކަންދެއްވާނެކަމަށް އެމަނިކުފާނުވެފައިވާ ވައުދުފުޅާ އެއްގޮތަށް، އޮޑި ފަހަރު ބަންނަން ބޭނުންފުޅުވާ ފަރާތްތަކަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއި ފަސޭހަކަމާއެކު ލޯނު ނެގޭނެ އިންތިޒާމު މި ސަރުކާރުން ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

”މި ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ބޭނުންވާ ކަންކަމުގެ ތެރެއިން، ރަހުނަކާ ނުލައި، ލުއިގޮތެއްގައި، ލޯނު ނެގޭނެ ގޮތް ބޭންކިންގ ނިޒާމުގެ ތެރެއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައިދޭނެ ކަމަށް ދަންނަވަން. އޭރުން މި އިންޑަސްޓްރީގައި މަސައްކަތްކުރާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ، އަދި މި އަތޮޅުގައިވެސް މަސައްކަތްކުރާ ފަރާތްތަކަށް އިންޑަސްޓްރީ ފުޅާކުރަން ވަރަށް ބޮޑަށް ފުރުޞަތު ލިބޭނެ.“ ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އޮޑިފަހަރު ބަނުމުގެ ދާއިރާއަކީ ދިވެހީންނަށް ޚާއްސަކުރަން ބޭނުންފުޅުވާ ދާއިރާއެއްކަމުން، ކެބިނެޓާއި މެނިފެސްޓޯގެ ތެރެއިން މި ސަރުކާރުގެ ސިޔާސަތު އެކަމަށް މަގު ފަހިވާނެހެން ބައްޓަންކޮށްފައިވާނެކަމަށެވެ. އަދި، މި ފަންނަށް ނުވަތަ ދާއިރާއަށް ނުކުތުމަށް ބޭނުންވާ ފަރާތްތަކަށް، ޚާއްސަކޮށް ޒުވާނުންނަށް ހުރަސްތަކެއް ހުރިކަން ފާހަގަކުރައްވައި އިންނަމާދޫގައި، އޮޑިދޯނިފަހަރު ބަންނަ ދާއިރާއަށް ތަމްރީނު ދެވޭނެ މަރުކަޒެއް ގާއިމުކުރަން އެމަނިކުފާނު ގަސްދުކުރައްވާކަން އިއުލާނުކުރެއްވި އެވެ.

”މި ރަށުގައި(އިންނަމާދޫ) މި ދާއިރާއަށް ތަމްރީނު ދެވޭނެ މަރުކަޒެއް ހެދުމަކީ، އަޅުގަނޑު ކުރަން ގަސްދުކުރާ ކަމެއްކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އެހެންވީމާ، ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ތެރެއިން، އެ އޮންނަ އުސޫލުގެ ތެރެއިން، އެކަމަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން ހަމަޖައްސައިދީ، އިރާދަކުރެއްވިއްޔާ، މި ރަށުގައި މި ފަންނުން، މި މަސައްކަތުގެ ދާއިރާގައި ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް، ތަމްރީނު ލިބޭނެގޮތް ހަމަޖައްސައިދެވޭނެ ގޮތް ފަހިކޮށްދޭނަން.“ ރައީސް ވިދާޅުވި އެވެ.

ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، އޮޑިފަހަރު ބަނުމުގެ ދާއިރާއަކީ ދިވެހިންނަށް ޚާއްޞަ، ދިވެހިން އެކަނި މަސައްކަތްކުރާ ދާއިރާއެއް ގޮތުގައި، އަދި ތަމްރީނުވެގެން އަންނަ ދިވެހިން އިތުރުވެގެންދާ ދާއިރާއެއް ގޮތުގައި ވާތަން ދެކެން ބޭނުންވާކަމަށެވެ. އަދި، އެކަމަށް ސަރުކާރުން ކޮށްދޭންޖެހޭނެ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

މިލިޔުމާއި ގުޅޭ