back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރޯދަޔަށް ހަދިޔާ ކުރާ މަސްދަޅުން 40ގ އުންޏެއް ނުވާނެ: މިފްކޯ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އަންނަ ރަމަޟާންމަހު ގޭބިސީތަކަށް ބެހުމަށް ހަމަޖެހިފައިވާ މަސްދަޅުތަކުން 40 ގްރާމް އުނި ނުވާނެކަމަށް، ސަރުކާރު މަސްކުންފުނި މިފްކޯއިން ބުނެފި އެވެ.

މިފްކޯއިން މިހެން ބުނެފައިވަނީ، ސަރުކާރުން ބަހަން ނިންމާފައިވާ މަސްދަޅުގެ ސާފު ބަރުދަނުން 40 ގްރާމް އުނިކޮށް މިހާރު ބާޒާރަށް ނެރެ ވިއްކަމުންދާ ކަމަށް ބުނެ އެކި މަންސަތަކުގައި ޚަބަރު ފަތުރަމުންދާތީ، އެކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދިނުމުގެ ގޮތުންނެވެ.

މިފްކޯއިން ބުނީ، ރޯދަޔަށް ބަހާ މަސްދަޅުގެ ބަރުދަނާ ގުޅިގެން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އެކުންފުނިން 140 ގްރާމްގެ މަސްދަޅު ބާޒާރަށް ނެރުނީ، ކުދި ގޭބިސީތަކަށް، އަދި އެއްފަހަރު ބޭނުންކުރެވޭ މަސްދަޅުތަކެއް އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ.

”ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރޯދަޔަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުންޏެއް ނުވާނެ. ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް. 140ގްރާމް ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި. މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ.“ މިފްކޯއިން ބުނެފައި ވެއެވެ.

މިފްކޯގެ ފަސްމީރު ބްރޭންޑްގެ ތެލުގައި ރައްކާކޮށްފައި ހުންނަ 180 ގްރާމްގެ މަސްދަޅު ވިއްކަމުން ދަނީ 16 ރުފިޔާ އަށެވެ. އަދި އަލަށް ތައާރަފުކުރި 140 ގްރާމްގެ މަސްދަޅު ވިއްކަމުންދަނީ 15 ރުފިޔާ އަށެވެ. މިފްކޯއިން ބުނި ގޮތުގައި ރަމަޟާންމަހު ގޭބިސީތަަކަށް ދޫކުރާނީ ސާފު ބަރުދަނުގައި 180 ގްރާމް ހުންނަ ތެލުގައި ރައްކާކޮށްފަ ހުންނަ މަސްދަޅެވެ. މިފްކޯއިން ބުނީ، ކޮންމެ ރަމަޟާން މަހަކަށް ގާތްގަނޑަކަށް ލައްކައަކާ ގާތްކުރާ އަދަދަކަށް އެކުންފުނިން މަސްދަޅު އުފައްދާކަމަށާއި، ރައީސްގެ ވައުދާއި ގުޅިގެން ލޯކަލް ބާޒާރަށް އިތުރަށް މަސްދަޅު ބޭނުންވާނެ ކަމަށް ބެލެވޭކަމަށެވެ.

އަންނަ ރަމަޟާންމަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ހަރަދުގައި، މަސްދަޅު ކޭހެއް ދޭން ނިންމާފައިވާކަން ރައީސް ޑރ. މުއިއްޒު އިއުލާނުކުރެއްވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުން ވަނީ މިދިޔަ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ފުށް ބަސްތާއެއް ހަދިޔާ ކުރުމުގެ އިތުރުން ފެން ބިލާއި ކަރަންޓް ބިލަށް ޑިސްކައުންޓް ދީފައެވެ. މިއަހަރުވެސް ކަރަންޓާއި ފެންބިލުން ޑިސްކައުންޓް ދެއްވާނެކަމަށް ރައީސް މީގެކުރިން ވިދާޅުވެފައި ވެއެވެ.

މިލިޔުމާއި ގުޅޭ