މަސވެރިކަންކުރާ އޮޑިފަހަރުތަކުގައި ލޮނުން މަސްފިނިކުރާ ނިޒާމު އެޅުމަށް އެހީތެރިވުމުގެ ގޮތުން ހަމަޖައްސާފައިވާ އާރްއެސްޑަބްލިއު ފައިނޭންސިންގ ފެސިލިޓީއާ ގުޅޭ މައުލޫމާތު ސެޝަންތަކެއް މުލަކު އަތޮޅުގައި ކުރިޔަށް ގެންގޮސްފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ، އާރުއެސްޑަބްލިއު ފައިނޭންސިން ފެސިލިޓީއަށް އެދޭ ފޯމުތައް އަލުން ހުޅުވާލުމާ ގުޅިގެން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުން މުލަކު އަތޮޅުގައި މައުލޫމާތު ސެޝަންތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އެގޮތުން، އެސެޝަންތަކުގައި، ފެސިލިޓީއާ ބެހޭ އާންމު މައުލޫމާތުތަކާއި، އަދި ފެސިލިޓީއަށް އަލުން ހުޅުވާލިއިރު ގެނެސްފައިވާ ބަދަލުތައް ސެޝަންގެ ބައިވެރިންނާއި ހިއްސާކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
މަސްވެރިކަންކުރާ އޮޑިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ ރެފްރިޖަރޭޓެޑް ސީ ވޯޓަރ ސިސްޓަމް(އާރްއެސްޑަބްލިޔު) ގާއިމުކުރުމަށް ދޫކުރާ ”މުރާބަޙާ އާރްއެސްޑަބްލިއު ފައިނޭންސިންގ“ ފެސިލިޓީއަށް އަލުން ހުޅުވާލީ މިމަހުގެ 8 ވަނަ ދުވަހު އެވެ. އަލަށް ހުޅުވާލިއިރު، މަސްވެރިކަމަށް އަލަށް ބަންނަމުންދާ އުޅަނދުތަކަށް ފެސިލިޓީއަށް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދީފައި ވެއެވެ. އެގޮތުން، ހުޅުވާލާފައިވަނީ، އަލަށް ބަނދެފައިވާ މަސްވެރި އުޅަނދުތަކުގައި އާރުއެސްޑަބްލިއު ސިސްޓަމާއި، ޖަނަރޭޓަރު ސެޓާއި، ސޯލާ ޕީވީ ސިސްޓަމްހަރުކުރުމަށް ފެސިލިޓީއަށް ޝަރުޠު ހަމަވާގޮތަށެވެ. އެޝަރުޠުތަކަކީ:
- ހަލް ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ވުން
- އިންޖީނު އެޅުމުގެ މަސައްކަތް ފަށާފައިވުން
- 50 ފޫޓަށްވުރެ ދިގު އުޅަނދަކަށް ވުން
- މަދުވެގެން 10 ޓަނުގެ ފިޝް ހޯލްޑިންގ ކެޕޭސިޓީ ހުންނަ އުޅަނދަކަށް ވުން
”މުރާބަޙާ އާރްއެސްޑަބްލިއު ފައިނޭންސިންގ“ ފެސިލިޓީއަކީ، އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކް(އައިޑީބީ) އާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑް(އެލްއެލްއެފް)އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ފަށާފައިވާ ”ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫޢު“ ގެ ދަށުން އޮޑިފަހަރުގައި އާރްއެސްޑަބްލިއު އެޅުމަށް، އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) މެދުވެރިކޮށް ހަމަޖައްސާފައިވާ ފައިނޭންސް ފެސިލިޓީ އެކެވެ. މި ފެސިލިޓީގެ ދަށުން މަދުވެގެން 100 އެއްހާ ދޯނީގައި އާރްއެސްޑަބްލިއު ސިސްޓަމްތައް އެޅުމަށް ހަމަޖެހިފައިވާއިރު، މިދިޔަ އަހަރު ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވީ 19 ފަރާތަށް ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
’މުރާބަޙާ އާރްއެސްޑަބްލިއު‘ ފައިނޭންސިންގ ގެ ދަށުން، 2,000,000 ރުފިޔާ އާއި ހަމައަށް ފައިސާ ދޫކުރާއިރު، ފައިދާ ހިސާބު ކުރަނީ އަހަރަކަށް %6 ގެ މަގުންނެވެ. މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ދައްކައިދެނީ ސަރުކާރުންނެވެ. ގިނަވެގެން 10 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރާ ގޮތަށް މި ފެސިލިޓީގެ ދަށުން ފައިނޭންސްކޮށްދޭއިރު، 6 މަސް ދުވަސް ގްރޭސް ޕީރިއެޑްގެގޮތުގައި ހަމަޖައްސައި ދެއެވެ.
”މުރާބަހާ “ ފެސިލިޓީއަށް އެދި ހުށަހަޅާނީ އެސް.ޑީ.އެފް.ސީގެ ޕޯޓަލް (https://portal.sdfc.mv/login) މެދުވެރިކޮށްނެވެ.