back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މައްސަލަ ދިމާވި ކްރޭން މިއަދު އޮޕަރޭޝަނަށް ގެންނާނަން: މިފްކޯ

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ) ގައި މަސް ކިރަން ބޭނުންކުރަމުން އަންނަ ކްރޭނަކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، މިއަދު އެ ކްރޭން އޮޕަރޭޝަނަށް ގެންނާނެކަމަށް އެތަން ހިންގަމުން އަންނަ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.

މިފްކޯއިން ބުނީ، މިވަގުތު ކޭއެފްސީގައި މަސްކިރަން ބޭނުންކުރަމުން އަންނަ 3 ކްރޭންގެ ތެރެއިން 2 ކްރޭނަކީ ފުލީ ފަންކްޝަނަލް 2 ކްރޭންކަމަށެވެ. އަދި 3 ވަނަ ކްރޭނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި މިފްކޯގެ އިންޖިނިއަރިން ޓީމުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަކަމަށް މިފްކޯއިން ބުންޏެވެ.

”ކްރޭން 1 އަދި 3 ގެ ފަންކްޝަންސް ރަނގަޅު. ކްރޭން 2 ގެ މަރާމަތަށް ސާމާނު ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް. އެގޮތުން މައްސަލަ ދިމާވި ކްރޭން މިއަދު އޮޕަރޭޝަނަށް ގެންނާނެ.“ މިފްކޯއިން ބުންޏެވެ.

މިފްކޯއަށް މަސްކިރަންދާ ކެޔޮޅުން ބުނީ، ކްރޭން ހަލާކުވެފައިވާތީ، މި ދިޔަ ދުވަސްތަކުގައި ވަރަށް ގިނަ އިރު މަސްކިރަން ކިއުގައި މަޑުކުރަންޖެހުނު ކަމަށެވެ. އަދި މިއީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްކަމުން، ގިނަ އޮޑިތައް މިހާރު ކޭއެފްސީއަށް ގާތްކުރަމުންދާއިރު، މިކަން އަވަހަށް ހައްލުވުމަކީ ވަރަށް މުހިންމު ކަމެއްގެގޮތުގައި ކެޔޮޅުން ފާހަގަކުރެއެވެ.

”މި ދުވަސްވަރު ހުރިހައި ސަރަހައްދަކުން ދޯނިތައް ކޫޢްޑޫއަށް އެބަ އާދޭ. ހުރިހައި އޮޑިތަކަކަށްވެސް ގާތްގަޑަކަށް އެއްގަޑިއަކަށް މިގާތް ކުރެވެނީ. 2 ޖަހާލާއިރު ކިއުގަ ޖައްސާލާގޮތަށް ބައެއް ދުވަސްދުވަހު ރޭގަނޑު8 ޖަހަންދެންވެސް އެބަކިއުގަ އޮންނަން ޖެހޭ.މިކަން ވީ އެންމެ އަވަހަކަށް ހައްލުކުރަންޖެހޭ.“ ގއ. ވިލިނގިލީ ކެޔޮޅަކު ބުންޏެވެ.

މިދުވަސްވަރު މަސްވެރިކަން ރަނގަޅުވެފައި، މަސްކިރާތާ 48 ގަޑީއިރުތެރޭ މިފްކޯއިން ގަންނަ މަހަށް ފައިސާ ދޫކުރަމުންދާތީ މިފްކޯގެ ހުރިހައި ފެސިލިޓީތަކަށްވެސް މަސްކިރާ ނިސްބަތްވަނީ އިތުރުވެފަ އެވެ.

 

މިލިޔުމާއި ގުޅޭ