ކުރިޔަށް އޮތް ތާނގައި މިފްކޯގެ މަސް ރިޖެކްޓްވެގެން އުޅޭ ޚަބަރެއް ނީވޭނެކަމުގެ އުފާވެރި ޚަބަރު މިފްކޯގެ ސީއީއޯ އަހްމަދު ޝަމާހް ރަޝީދު ދެއްވައިފި އެވެ.
ސީއީއޯ މި އުފާވެރި ޚަބަރުދެއްވީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި އިއްޔެ ދެއްކެވި ވާހަކަފުޅުގަ އެވެ.
ސީއީއޯ ވިދާޅުވީ ބޭރުގެ ކުންފުނިތަކަށް ވިއްކާ މަހުގެ ޝިޕްމެންޓުގެ ތެރެއިން މަސް ރިޖެކްޓުވެ ވަމުންދާ ގެއްލުން ހުއްޓުވުމަށް މިފްކޯއިން މަސައްކަތް ކުރަމުންދާ ކަމަށާއި، މީގެ ފަހުން އެ ކުންފުނިން ކަނޑައަޅާ ޝަރުތުތަކަށް އެއްބަސްވާ ކުންފުނިތަކަށް ނޫނީ މަސް ނުވިއްކާނެކަމަށެވެ.
”މާޗު މަސް ނިމޭއިރު އަޅުގަނޑުމެން މި ނޫން ގޮތަކަށް މަހެއް ނުވިއްކާނަން. ހުރިހާ ރައްޔިތުންނަށް ދޭން އޮތް އުފާވެރި ހަބަރަކީ ކުރިއަށް އޮތް ތަނުގައި މިފްކޯގެ މަސް ރިޖެކްޓުވެގެން އުޅޭ ހަބަރެއް ނީވޭނޭ,“ ސީއީއޯ ވިދާޅުވި އެވެ.
ސީއީއޯ ވިދާޅުވީ މަސް ޝިޕްމެންޓް ހިފައިގެން ދިއުމަށްފަހު މަސް ރިޖެޓްކުރަމުންދާތީ، އެ މައްސަލަ ހައްލު ކުރަން ތައިލޭންޑުގެ ކުންފުނިތަކާއި ވާހަކަ ދައްކާ މިފްކޯއިން ބޭނުންވާ ގޮތް ހުށަހެޅި ކަމަށެވެ. އެގޮތުން މަސްގަންނަ ކުންފުނީގެ ފަރާތުން ކޮލިޓީ ކޮންޓްރޯލަރަކު ރާއްޖެ ގެނެސްގެން މަސް ގްރޭޑްކޮށް، ކޮންޓްރޯލް އެޕްރޫވްކޮށް، މަހަށް ފައިސާ ދެއްކުމުން ނޫނީ ދެން ބޭރުގެ ކުންފުނީގެ ބޯޓުުތަކަށް މަސް ބަރު ނުކުރާނެކަމަށް ހުށަހަޅާފައި ވާނެކަމަށެވެ. އަދި މަސް ދޫކުރާނީ އެ އެޕްރޫވް ކުރާ މަހަށް ފައިސާ ދެއްކުމުން ރާއްޖެ ބަދަރުން ވިޔަފާރި ޑީލް ނިންމުމަށް ފަހުގައި ކަަމަށް ސީއީއޯ ވިދާޅުވި އެވެ.
ސީއީއޯ ވިދާޅުވީ މަޝްވަރާކޮށް އިސްލާހު ހުށަހެޅި ކުންފުނިތަކުން މިފްކޯގެ ޝަރުޠު ގަބޫލުކޮށްފައި ނުވާތީ މިހާރު މަސްކިރަން އެހެން މާކެޓްތައް ހޯދަމުން އަންނަ ކަމަށެވެ.
ސީއީއޯ މިހެން ވިދާޅުވެފައި މިވަނީ މަސްކިރުވުމަށްފަހު ފައިސާ ދޫކުރަން ބަލާއިރު، ގިނަ މަސްތަށް ރިޖެކްޓްވެފައިވާ ކަމަށް މިފްކޯއިން ބުނާތީ މަސްވެރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށްނެވެ. ބައެއް މަސްވެރިން ވަަނީ ”ރިޖެކްޓް“ އޭ އެބުނާ މަހަށް ވާ ފައިސާ މިފްކޯގެ އިސްވެރިން ކަޓުގެ ގޮތުގައި ނަަގަމުން އަންނަ ކަމަށް ތުހުމަތުކޮށްފަ އެވެ.