ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސްވެރިން އަތުން ގަންނަ މަހަށްވާ ފައިސާ 48 ގަޑީއިރުގެ ތެރޭގައި ދޫކުރަން ފެށިތާ މިއަދަށް އެއް މަސްވެއްޖެއެވެ.
މި ސަރުކާރުން ވައުދުވެފައިވާ ގޮތަށް، މަސްވެރިން މިފްކޯއަށް މަސްކިރާތާ 48 ގަޑީއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ، މިދިޔަ ޑިސެމްބަރ މަހުގެ ނުވަވަނަ ދުވަހު ކ.ގާފަރަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު އެދުވަހު ވިދާޅުވީ، އެދުވަހާ ހަމަޔަށް އޮތް ”ބެކްލޮގް“ ޚަލާސްކޮށް، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގައި އެކައުންޓް ގެންގުޅޭ ފަރާތްތަކަށް ޑިސެމްބަރ 10 ވަނަ ދުވަހުން ފެށިގެން 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މަސްވެރިންނަށް ފައިސާ ދިނުމުގައި މިފްކޯއަށް ދަތިތަކެއް ކުރިމަތިވެ، ފައިސާ ބަރާބަރަށް ދޫކުރަމުން ނުދާ މައްސަލަައިގަ މަސްވެރިން ސަރުކާރަށާއި މިފްކޯއަށް ފާޑުކިޔައި، ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާނުކުރެއްވުން ވެގެން ދިޔައީ މަސްވެރިންނަށް، އެ އަހަރުގެ މަސްވެރިންގެ ދުވަހާއި ދިމާކޮށް ލިބިގެންދިޔަ ވަރަށް އުފާވެރި ޚަބަރަކަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު، ޑިސެންބަރު 7 ވަނަ ދުވަހާ ހަމަޔަށް މިފްކޯގެ ބެކްލޮގްގައި ހުރި 38 މިލިއަން ރުފިޔާ ޑިސެމްބަރުމަހުގެ 9 ވަނަ ދުވަހު ދައްކާ ޚަލާސްކުރި އެވެ. އަދި، ބީއެމްއެލްއާއެކު ހެދި އޯވަރ ޑްރާފްޓް އެގްރީމެންޓެއްގެ ދަށުން ޑިސެންބަރުމަހުގެ 10 ވަނަ ދުވަހު ވަނީ، މަސްވެރިންނަށް 48 ގަޑީއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފަށާފަ އެވެ. އެދުވަހު ދޫކުރީ އެމަހުގެ 8 ވަނަ ދުވަހު މިފްކޯއިން ގަތް މަހަށްވާ ފައިސާއެވެ. އެދުވަހު ފެށި ”48 ގަޑީއިރުގެ ޕްލޭން“ އާ އެއްގޮތަށް ބަންދު ދުވަސް އަދި ބޭންކް ބަންދެއް އައި ނަމަވެސް، މެދު ކެނޑުމެއްނެތި މަސްވެރިންނަށް ދަނީ ފައިސާ ދޫކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށްވެ ވަޑައިގެންނެވި އެންމެ މުހިންމު ވައުދު، ފުއްދަވައިދެއްވާފައިވާއިރު، އެމަނިކުފާނު ވިދާޅުވެފައިވަނީ، މި ޕްލޭނާ އެއްގޮތަށް ކުރިޔަށް އޮތް ތާނގައިވެސް މެދުކެނޑުމެއްނެތި މަސްވެރިންނަށް ފައިސާ ދޫކުރަމުން ގެންދާނެކަމަށާއި، އަދި މަސްވެރިންނަށް ވެފައިވާ އެހެން ވައުދުތައްވެސް ފުރިހަމަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީކޮށް ކުރި އެރުވުމަށް ސަރުކާރުން މަސައްކަތްކުރާނީ މަސްވެރިންގެ ޚިޔާލާއި ކަންބޮޑުވުންތައް އަޑު އަހައި، މަސްވެެރިން އެދޭގޮތަށް ގުޅިގެންކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.