މޫސުން ގޯސްވެ ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް) އިން ހުދު ސަމާލު ނެރެފި އެވެ.
މެންދުރު 01:00 ގައި، މ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަަށް ލަފާކޮށްނެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ. ސަމާލުގެ ވަގުތު ހަމަވާނީ މިރޭ 07:00 ގައެވެ.
ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް މޫސުން ކުރިޔަށް ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ، މެންދުރުފަހުން ބައެއް ރަށްތަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެެވެ.
ވައި ޖެހޭނެކަަމަށް ލަފާކޮށްފައިވަނީ، އިރާއި އިރުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ބުނެފައި ވެއެވެ.
ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ރާޅު ނަގާނީ 4 – 6 ފޫޓު އުސްމިނުގައި ކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މޫސުން ގޯސްކަމުން، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.