ސަރުކާރުގެ މަސްކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ލޮމްޕެނީ(މިފްކޯ)ގެ ތެރޭގައި ޒަމާނުއްސުރެ ހިނގަމުންދާ ކޮރަޕްޝަންތައް މުލުން ލުހެލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ދަތުރުގައި ބައިވެރިވި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިފްކޯ ރީފޯމް ކުރުމަށް ފަށްޓަވާފައިވާ މަސައްކަތުގެ ތެރެއިން، މަސްވެރިން ބޭނުންވާ ގޮތަށް މިފްކޯ ހަރުދަނާ ކުރުމުގެ މަސައްކަތްތައް ފެށިފައިވާކަމަށެވެ. އަދި، އެ މަސައްކަތުގެ ތެރެއިން، އެތަނުގައި ޒަމާނުއްސުރެ ހިންގަމުން އަންނަ ކޮރަޕްޝަންތައް މުލުހުން ލުހެލާނެކަމަށް ރައީސް ވިދާޅުވި އެވެ.
”އެތާ އެތެރޭގައި ޒަމާންވީ އެކިއެކި ގޯސް ކަންތައް ހިނގާ. އަޅުގަނޑު ދެން ގަބޫލު ކުރަނީ ކޮރަޕްޝަނުގެ އަމަލުތަކެއް ގޮތަށް މީ ފެންނަ ކަންތައްތަކެކޭ. އަޅުގަނޑުމެން އެ ހުރިހާ ކަމެއް(ކޮރަޕްޝަން) ހަމަ އެތަނުން މުލުން ލުހެލާނަން. އެ އަޒުމުގެ މަސައްކަތްތައް ފަށާފައި އެ ހުރީ.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މަސްވެރިކަމުގައި އާންމުކޮށް ނޫޅޭ ހިސާބަކުން ރަނގަޅު ބޭފުޅަކު ގެނެސް ކުންފުނީގެ ހިންގުން ހަވާލުކޮށްފައިވާއިރު، ތަނުގެ ހިންގުން ވަރަށް ގާތުން ސީދާ ބަލަމުންދާކަމަށެވެ. އަދި، މިހާރު ކުރެވޭ މަސައްކަތުން އެތަނުގެ ހިންގުން ހަރުދަނާކުރެވި، އިސްރާފު ކުޑަކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސްވެރިންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ، ކޯލްޑް ސްޓޯރޭޖްތައް ގާއިމުކޮށް، ޕްރޮސެސިންގް ޕްލާންޓްތައް އިތުރުކޮށް، މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި ސިންދަފާތުކުރުމަށް މަސައްކަތް ކުރައްވާނެކަމެވެެ. އަދި ވެވެން އޮތް އެންމެ މަތީ މިންވަރަކަށް މަސްވެރިކަން ފުޅާކުރައްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.