ގދ. ފިޔޯރީގައި މަސްކިރާ ކާރުޚާނާއެއް ޤާއިމުކުރުމަށް ސަރުކާރުން ކުރިޔަށްގެންދަން ރާވާފައިވާ މަޝްރޫއުގެ މަސައްކަތް، އަންނަ ފެބްރުއަރީ މަހު ޗައިނާގެ ކުންފުންޏަކާ ހަވާލުކުރައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރޭ ފިޔޯރީ ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްވެރިކަމަކީ ފިޔޯރީއަށް އަދި ހުވަދު އަތޮޅަށްވެސް އެންމެ މުހިންމު ސިނާއަތްކަމަށްވާއިރު، ފިޔޯރީގެ ތަރައްގީއަށް ކަމެއް ކުރާނަމަ އެންމެ މުހިންމުވާނީ މަސްވެރިކަމުގެ ސިނާއަތައް ކަމެއްކޮށްދިނުންކަމަށެވެ. އެގޮތުން، ރިޔާސީ ކެމްޕޭންތެރޭގައި، ފިޔޯރީގައި މަސް ކާރުޚާނާއެއް އަޅުއްވައިދިނުމަށް ވައުދުވެ ވަޑައިގެންނެވީ ކަމަށެވެ. އަދި އެވައުދާ އެއްގޮތަށްެ މަސައްކަތް ކުރިޔަށްގެންދިއުމަށް ކުރެވުނު މަސައްކަތުން، ފިޔޯރީ މަސް ފެކްޓަރީ އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި، ފެބްރުއަރީ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކޮށް، ސޮއިކުރާތާ ދެ މަސް ތެރޭ އަމަލީ މަސައްކަތް ފަށާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
”ޗައިނާ ކުންފުންޏަކާއި ގުޅިގެން މަސައްކަތް ފެށުމަށް މަސައްކަތް ކުރަނީ. އެންމެ ލަސްވެގެން ފެބްރުއަރީ މަހުގެތެޔެރޭގައި އެގްރިމަންޓުގައި ސޮއިކުރެވި، އޭގެ 2 މަސްފަހުން ފެކްޓަރީގެ ޢަމަލީ މަސައްކަތް ފެށޭނެ.ނަތީޖާ އަކަށްވާނީ މި އަތޮޅުގެ އަދި މިސަރަޙައްދުގެ ޚާއްސަކޮށް މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދިއުން. “ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފިޔޯރީ މަސްކާރުޚާނާއަކީ، ދެކުނުގެ މަސްވެރިކަން އިތުރަށް ތަރައްގީކޮށް މަސްކިރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަލަށް އެޅުމަށް އިޢުލާނުކޮށްފައިވާ މަސް ފެކްޓަރީއެކެވެ. އެ ކާރުޚާނާ އަޅާ ސަރަހައްދުގެ އެސެސްމަންޓު ހެދުމާއި މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ދެނެގަތުމުގެ މަސައްކަތް ކުރީ ޗައިނާގެ ޑޮންގްފަންގް ކުންފުންޏާ ހަވާލުކޮށްގެންނެވެ.
ފިޔޯރީ މަސްކާރުޚާނާ ތަރައްގީކުރަނީ، ދުވާލަކު 100 ޓަނުގެ ދަޅުމަސް ބަންދުކުރެވޭގޮތަށް، 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 100 ޓަނުގެ ފިޝް މީލް ޕްލާންޓަކާއި، 50 ޓަނުގެ އައިސް ޕްލާންޓެއް ހިމެނޭގޮތަށެވެ.