back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސް ފެކްޓަރީއެއް އަޅަން ހޮރައިޒަންއަށް ހޯނޑެއްދޫން ދޫކޮށްފައިވާ ބިމުން އެކަށީގެންވާ އާމްދަނީއެއް ނުލިބޭ: ރައީސް

ގދ. ހޯނޑެއްދޫގައި މަސް ފެކްޓަރީއެއް އެޅުމަށް، ހޮރައިޒަން ފިޝަރީޒް އަށް ދޫކޮށްފައިވާ ބިމުން، އެރަށު ކައުންސިލަށް އެކަށިގެންވާ އާމްދަނީ އެއް ނުލިބޭ ކަމަށާއި، އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުވަދޫގެ ބައެއް ރަށްތަކަށް މިހާރު ފަށްޓަވާފައިވާ ދަތުރުފުޅުގައި ހޯނޑެއްދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޯނޑެއްދޫ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންތައްތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މަސް ފެކްޓަރީ މަޝްރޫއަކީ ވަރަށް ގިނަ ދުވަސްވެފައި ނުނިމި އޮތް މަޝްރޫއެއްކަމަށާއި، އެއީ ދާއިމީ ހައްލެއް އަންނަން ޖެހޭ މައްސަލައެއްގެ ގޮތުގައި ގަބޫލު ކުރައްވާކަމަށެވެ.

”އެންމެ ފުރިހަމަ ކަމަކަށްވާނީ، އެމަޝްރޫއު ނިމި އޭގެ ފައިދާ މިރަށަށާއި މަސްވެރި އިންޑަސްޓްރީއަށް، މަސްވެރިކަމަށް ލިބިގެން ދިއުން. ކޮންމެ ގޮތެއްވިޔަސް އެ ބިމުން ރަށަށް އެންމެ ރަނގަޅު ފައިދާއެއް ވާންޖެހޭނެ އާމްދަނީގެ ގޮތުން. ހެދިފައިވާ އެގްރީމެންޓްގެ ތެރެއިން އެންމެ ރަނގަޅު ގޮތަކަށް ކޮންމެވެސް ދާއިމީ ހައްލެއް އަންނަން ޖެހޭނެ މައްސަލައެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ އެކަން.“ ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަޝްރޫއު ފެއްޓިފައި ނުވާތީ، އެ ބިމުން މިހާރު ކައުންސިލަށް އެކަށިގެންވާގޮތަކަށް އާމްދަނީ ނުލިބޭކަމަށެވެ. އެހެންކަމުން ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި އެކަމާއި މަޝްވަރާކުރެވި، އެބިމުން ކައުންސިލާއި ރަށުގެ ރައްޔިތުންނަށްވެސް އެންމެ ރަނގަޅު ނަފާއެއް ނުވަތަ އާމްދަނީއެއް ލިބިގެންދާނެގޮތަކަށް އެކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ކައުންސިލަށް އަރުވާފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.

”ހަގީގަތުގައި އެންމެ ރަނގަޅު އައުޓްކަމްއަކަށް ނުވަތަ ނަތީޖާއަކަށްވާނީ އެ މަޝްރޫއަށް ދާއިމީ ކޮންމެވެސް ރަނގަޅު ހައްލެއް އައުން. އެހެންވީމައި އެ މަސައްކަތް އެގޮތުގައި ކުރިޔަށްގެންދާނެ ވާހަކަ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް އެކަން ހަމަޖައްސާނެކަމުގެ ޔަގީންކަން އަޅުގަނޑު  ތިބޭފުޅުންނަށް އަރުވަން.“ ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 160 ޓަނުގެ ބްރައިން ޓޭންކަކާއި، 50 ޓަނުގެ ޕްލާންޓެއް ހިމެނޭގޮތަށް ހޯނޑެއްދޫގައި މަސް ފެކްޓްރީއެއް އެޅުމަށް ސަރުކާރާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒް އަށް ބިމެއް ކުއްޔަށް ދޫކޮށްފައިވަނީ 2005 ވަނަ އަހަރު އެވެ. އަކަފޫޓަކަށް މަހަކު 15 ލާރީގެ ރޭޓުން އަގުކޮށް، އެ ކުންފުންޏަށް ދޫކޮށްފައިވަނީ 13.5 ހެކްޓަރުގެ ބިމެކެވެ.

ބިން ދޫކުރިތާ 24 އަހަރުވެފައިވާއިރު، އަދިވެސް އެކުންފުނިން އެތަން ނިންމާ އޮޕަރޭޝަނަށް ގެނެސްފައެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން އެކި ސަރުކާރުތަކުގައި ހޯނޑެއްދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް މަޝްވަރާކޮށްފައި ވެއެވެ. މިދިޔަ އެމްޑީޕީ ސަރުކާރުން މި މައްސަލައިގައި އޭރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެފައިވަނީ މަސްފެކްޓަރީ ގާއިމުކުރުމަށްޓަކައި 5-6 މިލިއަން ރުފިޔާ ހޮރައިޒަން ފިޝަރީޒްއިން ޚަރަދުކުރަން ޖެހޭކަމަށާއި، އެ ތަނުގެ މަސައްކަތް ނިންމި ނަމަވެސް މަސް ގަނެ، ޕްރޮސެސްކޮށް، އެކްސްޕޯޓު ކުރުމުގެ ވިޔަފާރި ކުރުމަކީ މަހުގެ އަގުތައް ހުރި ގޮތުން އެކަށިގެންވާ ކަމެއް ނޫންކަމަށް ހޮރައިޒަން ފިޝަރީޒް އިން ބުނެފައިވާކަމަށާއި، އެ ކުންފުންޏަށް ފައިދާ ނުވާ ވިޔަފާރިއެއް އެ މީހުން ލައްވައި ކުރުވާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

މިކަން ހައްލުކުރުމަށް މި ސަރުކާރުން ކުރަމުންދަނީ ކޮން މަސައްކަތެއް ކަމެއް އަދި ސާފެއް ނުވެއެވެ. އަދި މިމައްސަލައިގައި ހޮރައިޒަން ފިޝަރީޒްގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.

ހޮރައިޒަން ފިޝަރީޒް އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުންޏެކެވެ. އެކުންފުނިން ލ. އަތޮޅުގައިވެސް މަސް ފެކްޓަރީއެއް ހިންގައެވެ. އެތަނުން މަސް ގަނެ، ވަކި އުސޫލެއްގެ ދަށުން މަސްވެރިންނަށް އައިސްވެސް ވިއްކައެވެ.

މިލިޔުމާއި ގުޅޭ