މަސްވެރިކަންކުރާ އޮޑިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ ރެފްރިޖަރޭޓެޑް ސީ ވޯޓަރ ސިސްޓަމް(އާރްއެސްޑަބްލިޔު) ގާއިމުކުރުމަށް ދޫކުރާ ”މުރާބަޙާ އާރްއެސްޑަބްލިއު ފައިނޭންސިންގ“ ފެސިލިޓީއަށް އަލުން ހުޅުވާލާއިރު، މަސްވެރިކަމަށް އަލަށް ބަންނަމުންދާ އުޅަނދުތަކަށް ފެސިލިޓީއަށް ހުށަހެޅުމުގެ ފުރުސަތު ދޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
މަސްވެރިކަންކުރާ އޮޑިފަހަރުގައި އާރްއެސްޑަބްލިއު ސިސްޓަމް ޤާއިމްކުރުމަށާއި، ޖެނެރޭޓަރ ސެޓް ގަތުމަށާއި، ސޯލާ ޕަވަރ ޕެނަލް ސިސްޓަމް ގަތުމަށް ދޫކުރާ ”މުރާބަޙާ އާރްއެސްޑަބްލިއު ފައިނޭންސިންގ“ އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ އަލުން ހުޅުވާލުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. މިނިސްޓްރީން މިއަދު ބުނީ، މަސްވެރިކަމަށް އަލަށް ބަންނަމުންދާ އުޅަނދުތަކުގައި އާރްއެސްޑަބްލިއު ސިސްޓަމާއި، ޖަނަރޭޓަރުސެޓް އެޅުމަށް އެ ފެސިލީޓިއަށް ކުރިމަތިލެވޭގޮތަށް ފެސިލިޓީގެ ޝަރުޠުތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ. އެ ޝަރުޠުތަކަކީ:
- ހަލް ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ވުން
- އިންޖީނު އެޅުމުގެ މަސައްކަތް ފަށާފައިވުން
- 50 ފޫޓަށްވުރެ ދިގު އުޅަނދަކަށް ވުން
- މަދުވެގެން 10 ޓަނުގެ ފިޝް ހޯލްޑިންގ ކެޕޭސިޓީ ހުންނަ އުޅަނދަކަށް ވުން”މުރާބަޙާ އާރްއެސްޑަބްލިއު ފައިނޭންސިންގ“ ފެސިލިޓީއަކީ، އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކް(އައިޑީބީ) އާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑް(އެލްއެލްއެފް)އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ފަށާފައިވާ ”ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫޢު“ ގެ ދަށުން އޮޑިފަހަރުގައި އާރްއެސްޑަބްލިއު އެޅުމަށް، އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) މެދުވެރިކޮށް ހަމަޖައްސާފައިވާ ފައިނޭންސް ފެސިލިޓީ އެކެވެ. މި ފެސިލިޓީގެ ދަށުން މަދުވެގެން 100 އެއްހާ ދޯނީގައި އާރްއެސްޑަބްލިއު ސިސްޓަމްތައް އެޅުމަށް ހަމަޖެހިފައިވާއިރު، މިދިޔަ އަހަރު ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވީ 19 ފަރާތަށް ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
’މުރާބަޙާ އާރްއެސްޑަބްލިއު‘ ފައިނޭންސިންގ ގެ ދަށުން، 2,000,000 ރުފިޔާ އާއި ހަމައަށް ފައިސާ ދޫކުރާއިރު، ފައިދާ ހިސާބު ކުރަނީ އަހަރަކަށް %6 ގެ މަގުންނެވެ. މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ދައްކައިދެނީ ސަރުކާރުންނެވެ. ގިނަވެގެން 10 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރާ ގޮތަށް މި ފެސިލިޓީގެ ދަށުން ފައިނޭންސްކޮށްދޭއިރު، 6 މަސް ދުވަސް ގްރޭސް ޕީރިއެޑްގެގޮތުގައި ހަމަޖައްސައި ދެއެވެ.