ވައި ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ 9 އަތޮޅަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފި އެވެ.
ޅ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމަޔަށް ހުދު ސަމާލު ނެރުނީ ހެނދުނު 08:30 ގަ އެވެ. މެންދުރުފަހު 02:30 އާ ހަމަޔަށް ހުދު ސަމާލު ނެރެފައިވަނީ އެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްނެވެ.
މެޓް އޮފީހުން އިއްޔެ ބުނެފައިވަނީ، ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން، އާ އަހަރުގެ ފުރަތަމަ ފަސް ދުވަހު، ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވާރޭވޭހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި، ވަޔާއި ކަނޑުގެ ގަދަވެ، ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުންް ލަފާކޮށްފައި ވެއެވެ.
ވައިޖެހޭނެކަމަށް ލަފާ ކޮށްފައިވަނީ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، އުތުރާއި އިރު އުުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވޭތީ، ކަނޑުތައް އާންމުގޮތެއްގައިގަދަވާނެކަމަށް ނިމުތުކޮށްފައި ވެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން، މެޓް އޮފީހުން ނެރޭ އެންމެ ފަހުގެ މޫސުމާއި ނިމުތުތަކާއި ސަމާލުތަކަށް އިސްކަންދިނުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައި ވެއެވެ.
މިކަމާ ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައި, ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީންކުރުމަށް އިލްތިމާސްކޮށްފަ އެވެ.