ކުޅުދުއްފުށި ސިޓީ އޮޑިއެހެލާ ސަރަހައްދަށް ދޫކޮށްލާފައިހުރި އޮޑި ދޯނިފަހަރު ނެގުމަށް ސިޓީ ކައުންސިލުން 30 ދުވަހުގެ މުހުލަތެއްދީފި އެވެ.
ސިޓީ ކައުންސިލުން އޮޑި ފަހަރު ނަގަން މުހުލަތެއް ދީފައި މިވަނީ، އެ ސަރަަހައްދު އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. މި މަސައްކަތުގެ ދަށުން، މަރާމާތުގެ މަސައްކަތެއް ކުރިޔަށް ނުދާ އަދި ވީރާނާވުމަށް ދޫކޮށްލާފައިވާ އޮޑި ދޯނިފަހަރު މީގެ ކުރިން ދެބުރެއްގެ މަތިން ނަގާފައި ވެއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން އިއްޔެ ވަނީ އޮޑި އެހެލާ ސަރަހައްދަަށް ދޫކޮށްލެއްވިފައިވާ ދޯނިތައް ނެގުމުގެ ތިން ވަނަ ބުރު ފަށާނެކަން އިއުލާނުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައިވަނީ، މި ބުރުގައި ނެގުމަށް ހަމަޖެހިފައިނީ 16 ދޯނިކަމަށެވެ. އެ އިއުލާނާއެކު ތިންވަނަ ބުރުގައި ނަގަން ނިންމި އޮޑިދޯނި ފަހަރުގެ ފޮޓޯވެސް ވަނީ އާންމުކޮށްފަ އެވެ.
ކައުންސިލުން ވަނީ، އެ ދޯނިތައް ނަގައި ބިންސާފުކުރުމަށް ވެރި ފަރާތައް އިއްޔެއިން ފެށިގެން 30 ދުވަހުގެ މުހުލަތެއް ދީފަ އެވެ. އަދި، އެ އެންގުމަށް އަމަލުނުކޮށްފިނަމަ އެދޯނިތަކަކީ ވީރާނާވުމަށް ދޫކޮށްލާފައިވާ ދޯނިތަކެއް ކަމަށްބަލާ، ”ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު –2024/R-73“ ގެ 32 އަދި 33 ވަނަ މާއްދާގެ ދަށުން އިތުރު އެންގުމަކާއި ނުލާ ނަގާ، ނައްތާލާނެކަމަށެވެ.