ފުވައްމުލައް ސިޓީ ބޭރުން، ޑިންގީއެއްގައި ތިބި ސޯމާލިޔާ ބަޔަކު ފެނިއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނީ، ފުވައްމުލަކު ސިޓީ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ޝައްކު ކުރެވޭ ޑިންގީއެއް، ފެނުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބަރ ޕެޓްރޯލުން އެ ސަރަހައްދަށް ގޮސް އެޑިންގީ، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި އޭގައި ތިބީ ސޯމާލިއާ ބައެއް ކަމަށް ޝައްކުކުރެވޭކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
”އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެނގުނުގޮތުގައި މިއީ ރާއްޖެއިން ބޭރުގެ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ ”ސްކިފް“ އެއް. މި ޑިންގީގައި ސޯމާލިއާ މީހުން ކަމަށް ޝައްކު ކުރެވޭ 3 މީހުން ތިބި.“ އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން އެ ޑިންގީ މިހާރުވަނީ، ފުވައްމުލައް ސިޓީ ބަނދަރަށް ވައްދާފަ އެވެ. އެ ޑިންގީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
މި ދިޔަ ޖޫންމަހުގެ ތެރޭގައި ސޯމާލިއާގެ ތިން މީހުންނާއެކު، ނ. އަތޮޅު ވަވަތިއަށް ސޯމާލިއާގެ ޑިންގީއެއް ލައްގާފައިވެއެވެ.