ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި، ޗައިނާގެ ވިޔަފާރިވެރިންނަށް އިންވެސްޓް ކުރެވެން ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށްފި އެވެ.
މި މައުލޫމާތު ހިއްސާކޮށްފައިވަނީ، މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ޗައިނާގެ ވިޔަފާރިވެރިންގެ ވަފްދަށް ޚާއްސަކޮށްގެން އިއްޔެ ފިޝަރީޒް މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމެއްގަ އެވެ. ޗައިނާގެ ވިޔަފާރިވެރިންނަށް އިންވެސްޓްމެންޓް ފުރުސަތުތަކުގެ މައުލާމާތު ހިއްސާކުރެއްވީ ފިޝަރީޒް މިނިސްޓަރު، އަޙުމަދު ޝިޔާމާއި، އެ މިނިސްޓްރީގެ އިސްވެރިންނެވެ.
މި ބައްދަލުވުމުގައި، މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި، ސްޕޯޓް ފިޝިންގ ހާބަރުތައް ތަރައްގީކުރުމުގެ މަސައްކަތަތާއި، މެރިކަލްޗަރ ތަރައްގީ ކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭނާއި، ނޫ އިގުތިސާދުގެ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްްސާކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިން، މިދާއިރާގައި އިންވެސްޓްކޮށް އެއްބާރުލުންދޭންބޭނުންވާނަމަ، އެކަމަށް މަގުފަހިކޮށްދޭނެކަމުގެ ޔަގީންކަން އިއްޔެގެ ބައްދަލުވުމުގައި މިނިސްޓްރީން ދީފައިވެއެވެ.
މިބައްދަލުވުމުގައި ބައިވެރިވީ ޗައިނާގެ ކުންފުނިތަކުގެ އަދަދާއި، ބައިވެރިވީ ކުންފުނިތަކުގެ މައުލޫމާތު މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.