މިމަހުގެ 16 ވަނަ ދުވަހުގެރޭ، އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓަކުން ކަނޑަށް ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ އައްޑޫ ސިޓީން ފުރައިގެން މާލެ ދަތުރުކުރި ”ސީމެކްސް“ ބޯޓުގައި ފަޅުވެރިއެއްގެގޮތުގައި މަސައްކަތްކުރަމުންދިޔަ، ނޭޕާލަށް ނިސްބަތްވާ ރާޖް ކުމާރު ނަމަކަށް ކިޔާ މީހެކެވެ. އެރޭ 11:30 ހާއިރު ”ސީމެކްސް“ ބޯޓު އައްޑޫއިން ފުރިއިރު ރާޖް ކުމާރު ބޯޓުގައި ހުރި ކަމަށާއި، އެރޭ ދަންވަރު 1:15 ހާއިރު ބޯޓުގެ ބޯޓުގެ ކެޕްޓަންއާ އޭނާ ވާހަކަ ދެއްކިކަމަށް މީގެކުރިން ބުނެފައި ވެއެވެ. އަދި، ރާޖް ކުމާރު ބޯޓުގައި ނެތްކަން އެނގުނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާ ދެމެދު ކަނޑުމަތިން، ފުވައްމުލަކާ 8 މޭލަށް ކައިރިވެފައިވަނިކޮށްކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ސްކޮޑްރަންއިން ދަނީ، ސާޗް އޮޕަރޭޝަނެއް ހިންގަމުންނެވެ. ކަނޑުމަގުން ކުރިޔަށް ގެންދާ މި އޮޕަރޭޝަނުގައި، މި މަހުގެ 17 އަދި 18 ވަނަ ދުވަހު 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާއި ވެއެވެ. އަދި، 19 ވަނަ ދުވަހު ފުވައްމުލައް ސިޓީގެ ވަށައިގެން ބަލާފައިވާއިރު،
އޮޔާއެކު މީހާ ދާނެކަމަށް ގަބޫލުކުރެވޭ ދިމާތަކުގައި އިއްޔެ ވެސް ސާޗް އޮަޕަރޭޝަން ހިންގާފައި ވެއެވެ. ފަޅުވެރިޔާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އޭނާ ގެއްލުނު ސަރަހައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުފަހަރާ މިހާރު ކޯޑިނޭޓް ކުރަމުން އަންނަކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
މިހާތަނަށް ކުރި މަސައްކަތުން، ގެއްލުނު ފަޅުވެރިޔާ ފެނިފައި ނުވާކަމަށް އެމްއެންޑިއެފްއިން ބުނެފައި ވެއެވެ.