ބ އަތޮޅުން ފެށިގެން ގދ އަތޮޅާ ހަމަޔަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފި އެވެ.
ހަވީރު 06:00 އިން މިރޭ 12:00 އާ ހަމަޔަށް އެ އަތޮޅުތަކަށް ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ، އެއަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ އެހެން އަތޮޅުތަކަށް ވެސް މިވަގުތު އޮތީ މޫސުމީ ސަމާލު ނެރެފަ އެވެ. އެގޮތުން، ހއ އަތޮޅުން ފެށިގެން ރ އަތޮޅާ ހަމަޔަށް މިރޭ 10:00 އާ ހަމަޔަށް ހުދު ސަމާލު ނެރެފައިވެއެވެ. އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ. މީގެ އިތުރުން، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށްވެސް މިރޭ 07:00 އާ ހަމަޔަށް ވަނީ ރީނދޫ ސަމާލު ނެރެފަ އެވެ. ސަމާލު ނެރެފައިވާ ވަގުތުގައި އެ ދެ ސިޓީއަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހައި ހިސާބުތަކަށްވެސް މޫސުން ގޯސްވާނެކަމަށް، މެޓް އޮފީހުން މީގެކުރިންވެސް ބުނެފައިވެއެވެ. މޫސުން އަލިވާނެކަމަށް ލަފާކޮށްފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ހުރިހައި ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މި ދުވަސްވަރު މޫސުމަށް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.