ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހައި ސަރަހައްދަކަށްވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް ދެ ދުވަހު، އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށާއި، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށްވެސް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ ހޯމަ ދުވަހުކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.
ކުރިއަށް އޮތީ ސްކޫލް ބަންދު ދުވަސްވަރަށްވުމާއެކު، ދަތުރުފަތުރު ކުރާ ފަރާތްތަކުގެ އަދަދު އިތުރުވެގެން ދާނެކަމަށް ބެލެވޭތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިރުޝާދު ދީފައި ވެއެވެ.
ކުރިޔަށް އޮތް ދުވަސްތަކުގައި، ރާއްޖޭގެ ހުރިހައި ހިސާބަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު، މިހާރުވެސް ހއ އާއި ހދ އަތޮޅު ފިޔަވައި ހުރިހައި އަތޮޅަކަށް އޮތީ ހުދު ސަމާލު ނެރެފަ އެވެ. ސަމާލު ނެރެފައިވާ ބައެއް އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، އަނެއްބައި އަތޮޅުތަކަށް ގުގުރުމާއެކު ވާރޭވެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.