ބޭންކް އޮފް މޯލްޑިވްސް(ބީއެމްލް)ގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީގައި ހދ. ކުމުންދޫގައި މަސް ކާނާ އުފައްދާ ޕްލާންޓެއް ގާއިމުކޮށްފި އެވެ.
”އަކުއާ ފިޑް“ ގެ ނަމުގައި ގާއިމުކުރި މި ޕްލާންޓަކީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާއި ގުޅިގެން، 2022 ވަނަ އަހަރު އެ ބޭންކުން އެކުލަވާލި ސްމޯލް ގްރާންޓް ފަންޑްގެ އެހީތެރިކަމާއެކު ހދ. ކުމުންދޫގައި ގާއިމުކުރި ޕްލާންޓެކެވެ. މި ފަންޑްގެ ދަށުން ޖަމްއިއްޔާ ޖަމާއަތްތަކަށް ދޫކުރި މާލީ އެހީތެރިކަމާއެކު މި ޕްލާންޓް ގާއިމުކޮށްފައިވަނީ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) އިންނެވެ.

މި ޕްލާންޓްގެ ސަބަބުން، ހދ. ކުމުންދޫގައި ކޮންމެ ދުވަހަކު ބާނާ މަހުގެ ކުނި މެނޭޖްކޮށް، މަސް ކެނޑުމަށްފަހު އުކާލާ ބައިތައް ބޭނުންކޮށްގެން، މަސް ކާނާ އުފެއްދުމަށް މަގުފަހިވެގެންދާނެކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.
ސްމޯލް ގްރާންޓް ފަންޑުގެ އެހީގައި، ގދ. ވާދޫ ކައިރީގައި އޮންނަ ބްލޫ ބައުލްސް ރާޅާ އަޅާ ސަރަހައްދުގެ ފަރު ރައްކާތެރިކުރުމަށް ކުރިޔަށްގެންދިޔަ މަޝްރޫއުވެސް މިހާރު ވަނީ ނިންމާލާފައެވެ. އެ މަޝްރޫއު ކުރިޔަށްގެންދިޔައީ ގދ. ވާދޫގައި ހުވަދޫ އެސޮސިއޭޝަން ފޯ ޓޫރިޒަމް (ހެޓް) އިންނެވެ.
ސްމޯލް ގްރާންޓް ފަންޑުގެ ދަށުން މިފަދަ މަޝްރޫއުތައް ކުރިޔަށްގެންދިއުމަށް މަދަނީ ޖަމްއިއްޔާތަކަށް ދޫކުރަނީ 250،000ރުފިޔާ އެވެ.