މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީގެ އާ ސީއީއޯ ޑރ. ވިތާލީ ލިއުބިމޯފް، ސިޔާސީ ނުފޫޒުތަކާ ދެކޮޅަށް ވަރުގަދަ ”ސްޓޭންޑެއް“ ނަންގަވައި، އެކުންފުނީގެ އައު ޖެނެރަލް މެނޭޖަރުގެ މަގާމަށް އަޙްމަދު ނާޞިރު ޢައްޔަންކުރައްވައިފި އެވެ.
މިފްކޯއިން މިއަދު ބުނީ، ކުންފުނީގެ ހިންގުމަށް އާ ސީއީއޯ ގެންނަމުންދާ ބަދަލުތަކުގެތެރެއިން، އެކުންފުނީގެ އިންސާނީ ވަސީލަތްތަކުގެ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމަށް އަޙްމަދު ނާޞިރު ޢައްޔަންކުރައްވާފައިވާކަމަށެވެ. އިންސާނީ ވަސީލަތްތައް މެނޭޖްކުރުމުގެ ދާއިރާއިން ތަޖުރިބާއާއި ހުނަރު ލިބިވަޑައިގެންފައިވާ ނާޞިރަކީ، މި ދަނޑިވަޅުގައި އެ ޑިޕާޓްމަންޓް ހިންގުމަށް އެންމެ އެކަށީގެންވާ ފަރާތްކަމުގައި ބެލެވުނުކަމަށް މިފްކޯއިން ބުނެފައި ވެއެވެ. މި ޢައްޔަންކުރެއްވުމަކީ ޑރ. ލިއުބިމޯފްގެ ލީޑަރޝިޕްގެ ދަށުން މުވައްޒަފުންނާ ގުޅޭގޮތުން ނިންމެވި، ފުރަތަމަ މުހިންމު ނިންމެވުންކަމަށް މިފްކޯއިން ބުނެފައި ވެއެވެ. ނާސިރް އެމަގާމަށް މިމަހުގެ 15 ވަނަ ދުވަހު އައްޔަނުކުރެއްވިނަމަވެސް، މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވާނީ އަންނަ އާދީއްތަ ދުވަހު ކަމަށް މިފްކޯއިން ބުންޏެވެ.
އައު ޖެނެރަލް މެނޭޖަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، މިފްކޯގެ ހުރިހާ މުވައްޒަފުންގެ ހުނަރުތަކާއި ޤާބިލުކަން ވަޒަންކުރުން ހިމެނޭކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދާނީ ސީދާ ސީއީއޯގެ އިރުޝާދުގެ ދަށުންކަމަށް މިފްކޯއިން ބުނެފައި ވެއެވެ. މީގެ މަޤްޞަދަކީ މަސައްކަތުގެ ބާރު އިތުރުކޮށް، މިފްކޯގެ އިންސާނީ ވަސީލަތްތައް ކުންފުނީގެ އިސްތިރާޖީ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ބައްޓަންކުރުންކަމަށްވެސް މިފްކޯއިން ބުނެފައި ވެއެވެ.
ޖެނެރަލް މެނޭޖަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް މިފްކޯއިން ކުރި މަސައްކަތްތަކަށް ކުންފުނިން ބޭރުން، ސިޔާސީ ބާރުތަކުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް، އެމަގާމަށް ކެންޑިޑޭޓަކު ޢައްޔަންކުރުމަށް ވަކާލާތުކުރިކަމަށް މިފްކޯއިން ބުނެފައި ވެއެވެ. ސިޔާސީ ފިއްތުންތަކާ ގުޅިގެން ޚިޔާލު ތަފާތުވުންތަކެއް ކުރިމަތިވިނަމަވެސް، އެފުރުސަތު ސީއީއޯ ނުދެއްވި އެވެ. މިއީ، އާ ސީއީއޯ މަގާމާ ހަވާލުވެވަޑައިގަތް ފަހުން، އެ ކުންފުނީގެ ހިންގުމަށް ސިޔާސީ ނުފޫޒު ފޯރުވަން ބަޔަކު މަސައްކަތް ކުރި ފުރަތަމަ ފަހަރު ކަމަށްވެސް މިފްކޯއިން ބުންޏެވެ.
”ކުންފުނީގެ ހިންގުމަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވަން މަސައްކަތްކުރާ ކޮންމެ ފަހަރަކު ވަގުތުން ފިޔަވަޅު އަޅާނަން. މިފަދަ ނުފޫޒުތަކަށް އެއްވެސް ފުރުސަތެއް ނުދޭނަން. އަދި ކުންފުންޏަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކޮށް، ފުރިހަމަ ހާމަކަން ގެނެސްދޭނަން“. ސީއީއޯ ވިދާޅުވެފައި ވެއެވެ.
ސީއީއޯގެ މި ހަރުކަށި ”ސްޓޭޓްމެންޓް“ އިން ދައްކުވައިދެނީ ބޭރުގެ ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ، މިފްކޯގައި ޕްރޮފެޝަނަލް އަދި މުސްތަޤިއްލު މެނޭޖްމަންޓް އޮނިގަނޑެއް ދެމެހެއްޓުމަށް ސީއީއޯ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަމެވެ. އަދި، މަޤާމަށް ކެންޑިޑޭޓުން ހޮވުމުގައި މިފްކޯގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތަށް ތަބާވާކަން ކަށަވަރުކޮށްދިނުމެވެ. އަދި ސިޔާސީ ނުފޫޒުތަކަށް ބެލުމެއްނެތި އެ ސިޔާސަތުތައް، ފުރިހަމައަށް ތަންފީޒުކުރައްވާނެކަމުގެ ޔަގީންކަމެވެ.
ޑރ. ވިތާލީ ލިއުބިމޯފް މިފްކޯގެ ސީއީއޯކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ މިމަހުގެ 10 ވަނަދުވަހުއެވެ. މިހާރު ސީއީއޯ ކުރައްވަމުން ގެންދަވަނީ، މިފްކޯގެ ހިންގުމުގެ ނިޒާމު ވަޒަންކުރުމުގެ މަސައްކަތްކަމަށާއި، އެ މައްސަކަތް ނިމުމާއެކު، ކުންފުނީގެ ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށްފައިވާ ތަފްސީލީ ޕްރޮގްރާމެއް ސަރުކާރުގެ ކަމާބެހޭ އިސްވެރިންނަށް ހުށަހަޅުއްވާނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ. މި ޕްރޮގްރާމަކީ، ޑރ. ލިއުބިމޯފްގެ ލީޑަރޝިޕްގެ ދަށުން މިފްކޯގެ ކުރިމަގު ބައްޓަންކޮށް، ކުރިއަށްދާނެ ގޮތް ބަޔާންކޮށްދެވޭނެ ޕްރޮގްރާމެއްކަމަށް މިފްކޯއިން ބުނެފައިވެއެވެ.
”ހާމަކަން ބޮޑު ގޮތެއްގައި، މިނިވަންކަމާއެކު އަދި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމަށް އިލްތިޒާމްވުމަކީ އައު ސީއީއޯގެ މިފްކޯއާ ގުޅޭ ތަޞައްވުރުގެ މައިގަނޑު ބައެއް. މިއީ މި ކުންފުނިން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި އޭގެ މަޤާމު ވަރުގަދަކުރަމުންދާއިރު، ސިޔާސީ ނުފޫޒުން ސަލާމަތްވެ ތިބުމަށް މަސައްކަތްކުރާނެ ގޮތް.“މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯގެ ތެރޭގައި އަބަދުވެސް ސިޔާސީ ނުފޫޒު އޮންނަކަމާއި، އޭގެ ސަބަބުން ކުންފުނީގެ ހިންގުމަށް ނުރަނގަޅު އަސަަރުކުރަމުން އަންނަކަން އެއީ، އެންމެންވެސް ދަންނަ ހަގީގަތެކެވެ. އަދި، ކުންފުނީގެ މެނޭޖްމެންޓް އުސޫލާ ޚިލާފް ކަންތައްތަކެއް ހިނގަމުން އަންނަކަމީވެސް ވަރަށް ގިނަ ފަރާތްތަކުން އުފުލަމުން އަންނަ ޝަކުވާތަކެކެވެ. ޚާއްސަކޮށް ކުންފުނިތެރޭގައި ވިޔަފާރި އުސޫލުތަކާއި ޚިލާފަށް އޭރެއްގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މާލީ މަންފާ ނަގަމުންދާކަން ބައެއް ފަރާތްތަކުން ފާހަގަކުރަމުން އައިސްފައި ވެއެވެ. އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުަރަތަމަ ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި މިފްކޯ ރީފޯމް ކުރުން ހިމެނެއެވެ.
މިފްކޯއަށް އަސްލު ދިމާވެފައިވާ މައްސަލައާ މިފްކޯ ދަރަނިވެރިވާ ގޮތް އެނގިވަޑައިގަންނަވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، އެންމެ އިސްކަމެއް ދެއްވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާއި ގުޅުމެއް ނެތް މިނިވަން ކަމާއެކު މަސައްކަތް ކުރާނެ، ތަޖުރިބާހުރި އިހްލާސްތެރި، އެންމެ މަތީ ފެންވަރުގައި ކުންފުނިތައް ހިންގާފައިވާ ބޭރުގެ ތަޖުރިބާކާރަކު މިފްކޯގެ ސީއީއޯއަކަށް އައްޔަން ކުރެއްވުމަށެވެ. ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ، މިފްކޯ ދެން ނަގާ ކޮޅަށް ޖެހޭނީ ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފެންވަރު ގައި ކުންފުނިތަށް ހިންގާފައި ހުރި ހިންގުންތެރި ތަޖުރިބާކާރު ބޭފުޅަކާ މިފްކޯ ހަވާލުކޮށްގެންކަމަށެވެ. ޑރ. ވިތާލީ ލުބިމޯފް މިފްކޯގެ ސީއީއޯކަމަށް އައްޔަންކުރައްވާފައިވަނީ، އެގޮތުގެމަތިންނެވެ. މިއީ، މިފްކޯގެ ތާރީޚުގައި އެ ކުންފުނި ހިންގުމަށް ބޭރުގެ ސީއީއޯއަކާ ހަވާލުކުރި ފުރަތަމަ ފަހަރެވެ.