ސައުތުއަރި މެރިންޕާކު ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ހުޅުވާލައިފި އެވެ.
ސައުތުއަރި މެރިންޕާކު ސަރަހައްދު ރައްކާތެރިކޮށް ބަލަހައްޓާ އެޑްވައިޒަރީ ކޮމިޓީ އެކުލެވިގެންވަނީ 5 ދާއިރާއެއްގެ މައްޗަށެވެ. މި ފަހަރު ކުރިމަތިލާން ފުރުސަތު ހުޅުވާލާފައިވަނީ ރިސޯޓްތަކާއި، މަސްވެރިކަމުގެ ދާއިރާއާއި، ލިބްއެބޯޑް ދާއިރާ ތަމްސީލުކުރާ މެންބަރުކަމަށެވެ.
ރިސޯޓް ދާއިރާއަށް ކުރިމަރތިލާ މެންބަރު ވާންޖެހެނީ، މިނިސްޓްރީ އޮފް އިކްނޮމިކް ޑިވަލޮޕްމަންޓް ގައި ރަޖިސްޓްރީ ކޮށްފައިވާ އަދި އަރިއަތޮޅު ދެކުނުބުރީގައި ހަރަކާތްތެރިވާ ވިޔަފާރިއެއްގައި ހަރަކާތްތެރިވާ ފަރާތަކަށެވެ. އަދި، ކުރިމަތިލާ މެންބަރަކީ ތަމްސީލް ކުރާ ދާއިރާގެ އެންމެހާ ފަރާތްތައް ތަމްސީލު ކުރާގޮތަށް، އެފަރާތްތަކާއިއެކު މަޝްވަރާކޮށްގެން ކޮމިޓީއަށް ޚިޔާލު ހުށަހަޅާ ފަރާތަކަށް ވާންޖެހެއެވެ. މަސްވެރިކަމުގެ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާ މެންބަރަކީ މަސްވެރިކަމުގެ ދާއިރާއިން މަސައްކަތް ކުރާ މީހަކަށްވުން ނުވަތަ މަސްވެރިކަމުގެ ދާއިރާއިން މަސައްކައްކުރާ ޖަމިއްޔާ/ޖަމާއަތެއްގެ މެންބަރަކަށްވާންޖެހެއެވެ. އަދި، ލިވްއެބޯޑް ދާއިރާގެ ގޮނޑިއަކަށް ކުރިމަތިލާ މެންބަރަކީ ލިވްއެބޯޑެއްގައި މަސައްކަތް ކުރާ މީހަކަށް ވާންޖެހެއެވެ.
މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުން 25 ޑިސެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމަށް މިނިސްޓްރީން އެދިފައި ވެއެވެ. ލިޔުންތައް [email protected] އީ-މެއިލް މެދުވެރިކޮށް ބަލައިގަންނާނެކަމަށްވެސް ބުންޏެވެ. އެކަކަށް ވުރެގިނަ ފަރާތުން އެއް ދާއިރާއަކަށް ކުރިމަތިލައިފިނަމަ، މެންބަރުން ހޮވޭނީ ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށް ފަހުގައިކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
ކޮމިޓީގެ މަސްއޫލިއްޔަތުގެތެރޭގައި، ހިމާޔަތްކޮށްފައިވާ ސައުތުއަރި މެރިންޕާކު ސަރަހައްދު ބެލެހެއްޓުމާއި ބެހޭ ކަންކަމުގައި ލަފާދިނުމާއި، ސައުތުއަރި މެރިންޕާކު ސަރަހައްދު ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ލަފާދިނުމާއި، ސައުތުއަރި މެރިންޕާކު ސަރަހައްދުގައި ބާއްވާ ޚާއްޞަ އިވެންޓްތަކުގެ ކަންކަމުގައި ލަފާދިނުމާއި، ސައުތުއަރި މެރިންޕާކު ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ފީއެއް ނަގާނަމަ އެކަމަށް ލަފާ ދިނުން ހިމެނޭކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މި މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.
ސައުތުއަރި މެރިންޕާކަކީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން، 5 ޖޫން 2009 ގައި، ޙިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. މިސަރަހައްދަކީ ’ސައުތުއަރި މެރިންޕާކް ސަރަހައްދު‘ ކަމުގައި ހަމަޖައްސައި ޢާންމުކޮށް އަންގާ އިޢުލާން ކޮށްފައިވަނީ 11 ޖުލައި 2019 ގައެވެ. ’ސައުތުއަރި މެރިންޕާކް ސަރަހައްދު‘ ކަމުގައި ހަމަޖައްސާފައިވަނީ، އަރި އަތޮޅު ދެކުނުބުރީގެ ރަންގަލީ ފަރުގެ ހުޅަނގު އުތުރުކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރުކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރު’ގެ ސަރަހައްދެކެވެ. ޤުދުރަތީ ވަސީލަތްތަކާއި ދިރުންތަކުގެ މުއްސަނދި ކަމުގެ ސަބަބުން މި ސަރަހައްދަކީ ދުނިޔޭގެ ފެންވަރުގައި މުޅި އަހަރުތެރޭގައި ފެހުރިހި ފެންނަ ކަމަށް ފާހަގަ ކޮށްލެވޭ ސަރަހައްދެކެވެ. މިސަރަހައްދުން ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ވެލާ ކަހަނބާއި މަޑިއާއި މިޔަރުގެ ބާވަތްތައްވެސް ހިމެނެއެވެ.