back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރާއްޖޭގައި ސީވީޑް ހެއްދުމުގެ މަސައްކަތްކުރުމަށް އަމިއްލަ ފަރާތަކަށް ހުއްދަދީފި

ރާއްޖޭގައި ސީވީޑް ހެއްދުމުގެ މަސައްކަތްކުރުމުގެ ހުއްދަ ޕްރައިވެޓް ކުންފުންޏަކަށް ދީފި އެވެ.

ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދިންގޮތުގައި ސީވީޑް ހެއްދުމުގެ ހުއްދަދީފައިވަނީ ފްލޯޓިން އޭކާރސް ޕްރައިވެޓް ލިމިޓެޑް އަށެވެ. ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްތަލިބު ވިދާޅުވީ، ސީވީޑް ހެއްދުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމުގެ ހުއްދަ ފްލޯޓިން އޭކާރސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ކަމަށާއި، 6 މަހުގެ ނަތީޖާއަށް ބަލައި ސީވީޑް ވިޔަފާރި ކުރުމުގެ ލައިސަންސް އެ ކުންފުންޏަށް ދޫކުރުމަށް ނިންމާފައިވާކަމަށެވެ.

ފްލޯޓިން އޭކާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ސީވީޑް ހެއްދުމުގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ބ. ފެހެންދޫގަ އެވެ. ސްރީލަންކާއިން 100 ކިލޯގެ ސީވީޑް އެތެރެކޮށް، ކ، މަނިޔާފުށީގައި 7 ދުވަސްވަންދެން ކަރަންޓީން ކުރުމަށްފަހު މިމަހުގެ 15 ވަނަ ދުވަހު ފެހެންދޫއަށް ގެންގޮސް މިހާރު ވަނީ ސީވީޑް ހެއްދުމުގެ އަމަލީ މަސައްކަތް ފަށާފަ އެވެ. މި މަސައްކަތްތަށް އިތުރު 900 ކިލޯ ސީވީޑް ގެންނަން ހަމަޖެހިފައިވާއިރު، އަންނަ ހަފުތާގައި 100 ކިލޯގެ ސީވީޑް ރާއްޖެ ގެނައުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މި މަޝްރޫގެ ތަފުސީލު ”ކެޔޮޅާ“ އާ ހިއްސާ ކުރައްވަމުން، ފްލޯޓިން އޭކާރސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަލީ ރަޝީދު ވިދާޅުވީ، ސީވީޑް ހެއްދުމުގެ ޝައުގުވެރިކަން އައީ މީގެ ތިން އަހަރުކުރިން، ކޮވިޑްގެ ދުވަސްވަރުކަމަށެވެ. އެއީ، އޭނާއަކީ ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތަކަށްވެފައި، ކޮވިޑާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައުމުންކަމަށެވެ. އަދި އެ މަސައްކަތް ކުރަން ނިންމީ، އެއްވެސް ހާލަތަކާހުރެ ހުއްޓުމަކަށް ނާންނާނެ، އަދި މެދުނުކެނޑި ރަނގަޅު ނަފާއެއް ލިބިދޭނެ ވިޔަފާރިއެއް ފެށުމުގެ ބޭނުމުގައި ކަމަށް ރަޝީދު ވިދާޅުވި އެވެ.

“ ކޮވިޑް ދުވަސްވަރު ބ ފެހެނދޫގަ ގެސްޓް ހައުސް އެއް ހިންގަމުން އައި މީހެއް އަހަންނަކީ. ކުއްލިޔަކަށް ވިޔަފާރި ހުއްޓުނީ. އެހެންވީމަ ބެލީ ދެމެހެއްޓެނިވިގޮތެއްގައި ރާއްޖޭގައި ސިނާއަތެއްގެ ގޮތުގައި ކުރެވޭނެ މަސައްކަތެއް ފެށުމަށް. އެގޮތުގެ މަތިން މި މަސައްކަތް ފަށަން ގަސްދުކުރީ.“ ރަޝީދު ވިދާޅުވި އެވެ.

ރަޝިދު ވިދާޅުވީ، ސީވީޑްގެ ވިޔަފާރި ފެށުމަށް ހުއްދަ ހޯދުމަށް ކުރީ ސަރުކާރާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި، ސަރުކާރުގެ ދައުރު ނިމިގެން ދިޔައިރުވެސް، އެކަން ކުރުމުގެ ހުއްދަ ލިބޭގޮތް ނުވި ކަމަށެވެ. ނަމަވެސް މި ސަރުކާރު އައުމާއެކު ފިޝަރީޒް މިނިސްޓްރީއާއި، ފިޝަރީޒް މިނިސްޓަރާއެކު މަޝްވަރާ ކުރެވި، މަސައްކަތް ފެށޭނެ ގޮތްތަކެއް އިންތިޒާމު ކުރެވެމުން އެކަމާ ވަރަށް އުފާވާކަމަށް ރަޝީދު ވިދާޅުވި އެވެ.

”މިހާ ހިސާބަށް މި އާދެވުނީ ފިޝަރީޒް މިނިސްޓްރީއާއި، މެރިން ރިސާޗް ސެންޓަރުގެ ވަރަށް އެހީތެރިކަމާއެކު. އެހެންކަމުން އެފަރާތައް ޝުކުރު ދަންނަވަން. ވަކިން ޚާްއްސަކޮށް ސްޓޭޓް މިނިސްޓަރު މުއްޠަލިބަށް ޝުކުރު ދަންނަވަން. މުއްޠަލިބްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު.ހުރިހައި ފަރާތެއްގެވެސް ވަރަށް ބޮޑު އެއްބާރުލުމަކާއެކު މިއަދު މިކަން ކާމިޔާބު ވެގެން މިދިޔައީ. މިއީ ރާއްޖޭގައި ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ފުޅާ ކުރެވޭނެ ވިޔަފާރިއެއް، ރަނގަޅު ނަފާއެއް ލިބިގެންދާނެ މި ވިޔަފާރިން.“ ރަޝީދު ވިދާޅުވި އެވެ.

ރަޝީދުގެ ވިދާޅުވީ އޭނާ ފެށި އެ މަސައްކަތް ވަރަށް ކާމިޔާބުކަމަށާއި، ކުރިޔަށް އޮތް ހަމަސްތެރޭ ސީވީޑް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފެއްޓޭނެކަމަށެވެ.

“ މިހާރު މިފެށީ، 100 ސީވީޑުން، މިއީ ވަރަށް އަވަހަށް ހެދޭ އެއްޗެއް. ރާއްޖޭގެ މިއޮތީ ސީވީޑް ހައްދަން ވަރަށް ފަހި މާހައުލެއް. ވަރަށް ހަލުވިކޮށް ހެދިގެންދާނެ. އަދި ހައްދާ ސީވީޑް ހަލާކުނުވެ ދެ އަހަރު ހުންނާނެ. އެއީ ވަރަށް ބޮޑު އެޑްވާންޓޭޖެއް.މިހާރު މަސައްކަތް ދާގޮތުންނަމަ، ކުރިޔަށް އޮތް ހަ މަސްތެރޭ 20 ފޫޓްގެ ކޮންޓެއިނަރެއް ބޭރުކޮށްލެވޭނެ. އެއީ،20 ޓަނު(20،000ކިލޯ).މިހާރުގެ އަގަށް ބަލާނަމަ އެއީ،ގާތްގަނޑަކަށް 35،000 ޑޮލަރު.“ ރަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ހައްދަން ފެށި ސީވީޑްގެ ބާވަތަަކީ ކައްޕަފައިކަސް އަލްވަރޭޒް އެވެ. މި ސީވީޑަކީ، އޮލަކުރާ މާއްދާއެއްކަމަށްވާ ”ކަރިޖީނަން“ އުފައްދަން ބޭނުންކުރާ ސިވީޑް އެކެވެ. ދުނިޔޭގެ މާކެޓަށް ބަލާއިރު، ބިއުޓީ އިންޑަސްޓްރީގެ އުފެއްދުންތަކާއި، ޗޮކްލެޓް އަދި ބައެއް ބުއިންތައް އުފައްދަންވެސް މި މާއްދާ ވަރަށް ގިނައިން ބޭނުންކުރެއެވެ. މިއީ، ވަރަށް ހިނގާ ދުނިޔޭގެ މިފަދަ އެކި ސިނާއަތްތަކުން ވަރަށް އަގުބޮޑުކޮށް ގަންނަ މާއްދާއެކެވެ. އެހެންކަމުން ރާއްޖޭގައި ހައްދަން މި ފެށީ ދުނިޔޭގެ މާކެޓަށް ވަރަށް އަގުބޮޑުކޮށް ވިއްކާލެވޭނެ، މާކެޓް އޮތް ސީވީޑެކެވެ.

ރަޝީދުވެސް ދެކޭގޮތުގައި ސީވީޑް ހެއްދުމަކީ މުސްތަގްބަލެއް އޮތް ރާއްޖޭގައި ވަރަށް ފުޅާކުރެވޭނެ އިންޑަސްޓްރީއެކެވެ. އޭނާގެ ވިސްނުމުގައިވެސް ހުރީ މުޅި ރާއްޖެއަށް މި އިންޑަސްޓްރީ ފުޅާކުރުމަށެވެ. އެގޮތުން މިހާރު ގޮއިދޫގައި މަސައްކަތް ކުރިޔަށްދާގޮތް އަޖުމަ ބެލުމަށް ފަހު ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި މި މަސައްކަތް ފެށުމުގެ ޝައުގުވެރިކަން ގެންގުޅޭކަމަށް ރަޝީދު ވިދާޅުވި އެވެ.

1997 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ސީވީޑް އާލާކުުރުމުގެ ނުވަތަ ހެއްދުމުގެ ޕްރޮޖެކްޓްތަކެއް ކުރިޔަށްގެންދިޔަ އެވެ. އެހެންނަމަވެސް، އެކި ސަބަބުތަކާހުރެ އެ ޕްރޮޖެކްޓްތައް ވަނީ ހުއްޓާލާފަ އެވެ.

 

 

މިލިޔުމާއި ގުޅޭ