ރ. އިންނަމާދޫގައި، ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ބީލަން އުސޫލުން ބިން ކުއްޔަށްދޭގޮތަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
ރ. އިންނަމާދޫ ކައުންސިލް ބުނާގޮތުގައި، އެކައުންސިލްގެ 8 ވަނަ ޖަލްސާއިން ވަނީ، އެރަށުގެ އިރު ދެކުނު ކަންމަތިން ލޮނުމަސް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުން، 30 ފޫޓް ދިގު 20 ފޫޓް ފުޅާ (600 އަކަފޫޓް)ގެ 04 ކުލީ ބިން ދޫކުރުމަށް ނިންމާފަ އެވެ. ލޮނުމަސް އެޅުމާއި ލޮނުމަހުގެ ވިޔަފާރިކުރުމުގެ އިތުރުން މަސްކައްކާ ހިއްކުމަށް ބޭނުންކުރެވޭގޮތަށް މިބިންތައް ދޫކުރުމަށް ނިންމާފައިވަނީ ފަސް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށެވެ.
މި ބިންތައް ކުއްޔަށް ދޭނީ ފަސް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށްކަމަށާއި، ކުލީގެ އެގްރީމެންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 60 ދުވަސް ”ގްރޭސްޕީރިއެޑް“ގެ ގޮތުގައި ހަމަޖައްސަދޭނެކަމަށް ކައުންސިލުން ބުންޏެވެ. އެގޮތުން ”ގްރޭސްޕީރިއެޑް“ގެ ގޮތުގައި ކަނޑައަޅާ ދެމަހުގެތެރެއިން، ފުރަތަމަ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ، މަހު ކުލީގެ %50 ކަމަށާއި، ދެވަނަމަހު ދައްކަން ޖެހެނީ މަހު ކުލީގެ %75ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.
ކައުންސިލް އިދާރާއިން އިއްޔެ ވަނީ ބިން ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ކައުންސިލުން ބުނީ، ބިޑް އުސޫލުން ކުލީބިން ހޯދަން އެދޭ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ކައުންސިލް އިދާރާގެ އީ-މެއިލް: [email protected] އަށް މެއިލް ކުރުމުން ނުވަތަ ކައުންސިލްގެ ނަންބަރ: 7380052 އަށް ވައިބަރ ކުރުމުން ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.
ބިޑްގައި ރަޖިސްޓްރީ ވެވޭނެ ފަރާތްތައް:
- ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮސްފައިވާ ވިޔަފާރިތަކަށް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންނަށް.
- ރަޖިސްޓްރީކުރެވި ހިންގަމުންދާ ކުލަބު ޖަމިއްޔާތައް،
- އަމިއްލަ ފަރުދުން
ބިޑްގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ތާރީހަކީ 2024 ޑިސެމްބަރ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަން ރަޖިސްޓްރީކުރުމަށް ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައިނުގަންނާނެކަމަށް ކައުންސިލުންބުނެފައިވެއެވެ.
ބިޑާއި ގުޅިގެން ފްރީ ބިޑް ބައްދަލުވުމެއް 2024 ޑިސެމްބަރ 24 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި ކައުންސިލް އިދާރާގައި ބާއްވަން ނިންމާފައިވާިއރު، ބީލަން ހުޅުވުން އޮންނާނީ 2024 ޑިސެމްބަރ 30 ވާ ހޯމަ ދުވަހުގެ 13:15 ގައި ކައުންސިލް އިދާރާގައެވެ. ބިޑަށް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑަށް ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅައި ބިޑަށްލުމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމަށް އިންނަމާދޫ ކައުންސިލުން ބުނެފައިވެއެވެ.