މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލުތަކުގެ ތެރެއިން މާދަމާރޭ ބޭއްވުމަށް އިންތިޒާމުކުރި ރަސްމީ ޖަލްސާ ފަސްކޮށްފި އެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ފަސްކުރީ މިއަދު މާލެ ސިޓީގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ރަސްމީ ޖަލްސާ ބާއްވަން ނިންމާފައި އޮތީ މާދަމާރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގަ އެވެ. މިނިސްޓްރީން ބުނީ ޖަލްސާއަށް ދައުވަތު އަރުވާފައިވާ ފަރާތްތަކަށް، ޖަލްސާ ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށްފަހު އަންގާނެކަމަށެވެ.
މިއަހަރު ފާހަގަކުރަނީ 44 ވަނަ މަސްވެރިންގެ ދުވަހެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެކި ފަރާތްތަކާއި ގުޅިގެން ސަރުކާރުން ގިނަ ހަރަކާތްތަތެއް ކުރިޔަށް ގެންގޮސްފައި ވެއެވެ. އޭގެތެރޭގައި މަސްރޭހަކާއި، މަސްވެރިންގެ ޚިޔާލު ހޯދުމަށް ބޭއްވި ފޯރަމްއާއި، ކުރެހުމުގެ މައުރަޒަކާއި، ކެއްކުމުގެ މުބާރާތަކާއި، ކުޑަކުދިންގެ ހަވީރުތައް ހިމެނެއެވެ.