ދިވެހި މަސްވެރިން ކުރާ ހިތްމަތުގެ އަގު އިހުތިރާމާއެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ބަޔާންކުރައްވާފައިވަނީ، މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ވާރޭއާއި، އަވީގައި، ރެއާއި ދުވާލު ބިޔަ ކަނޑުތަކުގައި ދިވެހި މަސްވެރިން ކުރާ ހިތްމަތުގެ އަގު އިހުތިރާމާއެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެއް ކަމުގައެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މި ވަގުތަށް ގެނެވެން އޮތް ހައްލުތައް ގެނެސް ދެއްވައި، ދާއިމީ ހައްލަކާ ދިމާއަށް ވާސިލުވުމަށް ދަނީ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުންކަމަށްވާ ކިރާ މަހަށް ފައިސާ ނުލިބުމުގެ މައްސަަލައަށް ހައްލުތަކެއް ވަނީ ގެނެސްދެއްވާފަ އެވެ. ދިވެހި މަސްކުންފުނި މިފްކޯއަށް އަށް މަސްވެރިން ވިއްކާ މަހަށް މިއަދުން ފެށިގެން 48 ގަޑީއިރުގެތެރޭގައި ފައިސާ ދޫކުރެވޭނެ އިންތިޒާމު އިންތިޒާމު ހަމަޖައްސަވާފައިވާއިރު، މިވަގުތަށް ރާއްޖޭގެ 4 ސަރަހައްދަކުން އެސްޓީއޯގެ ރޭޓުގައި މަސްވެރިންނަށް ޑިީސަލް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސަވާފަ އެވެ. ދާއިމީ ހައްލުތަކަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ހުރިހައި ހިސާބަކުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސުމަށް އިތުރު އައިސް ޕްލާންޓް ތަރައްގީ ކުރުމާއި، ރާއްޖޭގެ ހުރިހައި ސަރަހައްދަކުން މަސްވެރިންނަށް އެސްޓީއޯ އަގުގައި ޑީސަލް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ކޯލްޑް ސްޓޯރޭޖް އިތުރުކުރުމާއި، މިހާރު މަސްވެރިން އަތުން މަސް ގަންނަ ސަރުކާރުގެ ފެސިލިޓީސްތައް އިތުރަށް ތަރައްގީކުރުމަށް ފަށާފައިވާ މަޝްރޫއުތައް ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ސިންދަފާތުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ކުރިޔަށް ގެންދާނީ މަސްވެރިންގެ އަޑު އައްސަަވައިގެން މަސްވެރިން އެދޭގޮތަށް ކަމަށެވެ. އަދި ސަރުކާރުން މިހާރު މި ސިނާތަުގައި ގެންގުޅޭ ކޮންޓްރޯލް ދޫކޮށް މަސްވެރިންނަށް އިޚުތިޔާރުތަކާއި ބާރުތައް ދޭން ބޭނުންފުޅުވާކަމަށް ވިދާޅުވެފައި ވެއެވެ. އެގޮތުން މިހާރު ސަރުކާރުން ތަރައްގީ ކުރަމުންދާ އައިސް ޕްލާންޓްތައް ގާއިމުކޮށް ނިމުމުން އެތަންތަން ހިންގާނެ ބަޔަކު އިޚުތިޔާރުކުރުމުގެ ފުރުސަތު މަސްވެރިންނަށް ދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައި ވެއެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހި ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. އެގޮތުން މިއަހަރު ފާހަގަކުރަނީ 44ވަނަ މަސްވެރިންގެ ދުވަހެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިމަހުގެ 13 ވަނަދުވަހު އެވެ.