ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ ފެސިލިޓީތަކަށް މަސްވެރިން ވިއްކި މަހަށްވާ ފައިސާ އެކުންފުނިން ދައްކައިފި އެވެ.
އެ ފައިސާ ދެއްކި ކަމުގެ ޚަބަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހިއްސާކުރެއްވީ، ކ. ގާފަރަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން، ނުދެވި ހުރި 38 މިލިއަން މިއަދު އޮޑިވެރިންނަށް ޖަމާކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. އެއީ، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އެކައުންޓު ބޭނުންކުރާ 196 އޮޑިއަކަށް 32.4 މިލިއަން ރުފިޔާ، އަދި މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްްއައިބީ)ގެ އެކައުންޓު ބޭނުންކުރާ 20 އޮޑިވެރިއަކަށް 5.6 މިލިއަން ރުފިޔާ އެވެ. ރައީސްވިދާޅުވީ، މިއާއެކު މިފްކޯގެ ”ބެކްލޮގް“ ގައި އޮތް ޖުމްލަ 38 މިލިއަން ރުފިޔާ ދައްކާ ޙަލާސް ކުރެވުނީކަމަށެވެ.
”އެއީ މިހާތަނަށް މިދިޔަ ދެ ހަފްތާ ތެރޭގައި ދޭން ހުރި ފައިސާ. އެހެންވީމަ ބެކްލޮގް ނިމުނީ. އިރާދަކުރެއްވިއްޔާ ދެނެއް ބެކްލޮގެއް ނާންނާނެ“ ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ރައީސް ވިދާޅުވީ، މާދަމައިން ފެށިގެން މިފްކޯއިން ގަންނަ މަހަށްވާ ފައިސާ މަސްވެރިންނަށް 48 ގަޑީއިރުގެތެރޭގައި ދޫކުރަން ފަށާނެކަމަށެވެ. އަދި، މި ވަގުތު އެގޮތަށް ފައިސާ ދޫކުރެވެނީ ބީއެމްއެލްގެ އެކައުންޓްތައް ރޯލް ކުރަމުންދާ ފަރާތްތަކަށްވީ ނަމަވެސް، އެމްއައިބީގައި އެކައުންޓް ރޯލް ކުރަމުންދާ ފަރާތްތަކަށްވެސް އެގޮތުގެ މަތިން ފައިސާ ދޫކުރެވޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.