ސަރުކާރުގެ މަސްކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އަށް ޗީފް އެގްޒެކެޓިވް އޮފިސަރަކު ހަމަޖައްސަވައިފި އެވެ.
”ކެޔޮޅާ“ ނޫހަށް އެނގިފައިވާ ގޮތުގައި، މިފްކޯގެ ސީއީއޯ އަކަށް އައްޔަން ކުރައްވާފައިވަނީ، މެނޭޖްމެންޓް ދާއިރާއިން، ވަކިން ޚާއްސަކޮށް ކްރައިސިސް އަދި ރިސްކް މެނޭޖްމެންޓް ދާއިރާއިން ގިނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޔޫކްރެއިންގެ ރައްޔިތެއްކަމަށްވާ ޑރ. ވިތާލީ ލުބިމޯފް އެވެ. ޚަބަރު ލިބޭގޮތުގައި މިއަދުގެ ވަގުތެއްގައި އާ ސީއީއޯ ރާއްޖެެ ވަޑައިގަންނަވާނެއެވެ. އަދި މާދަމާ ރަސްމީކޮށް މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާނެއެވެ.
މިއީ މިފްކޯގެ ދިގުލީ ތާރީޚުގައި އެކުންފުނީގެ ސީއީއޯއަކަށް ބޭރުގެ ގައުމެއްގެ ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ގައި ސަރުކާރުގެ ކުންފުނިތައް ރިފޯމް ކުުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލު ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްދު މުއިއްޒު ވިދާޅުވެފައިވަނީ މިފްކޯއަށް އަސްލު ދިމާވެފައިވާ މައްސަލައާ މިފްކޯ ދަރަނިވެރިވާ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި، މިފްކޯ ދެން ކޮޅަށް ޖެހޭނީ އެންމެ މަތީ ފެންވަރުގައި ކުންފުނިތައް ހިންގާފައިވާ ބޭރުގެ ތަޖުރިބާކާރަކަށް ކަމަށެވެ. އަދި، މިފްކޯ ހިންގުމަކީ ދިވެހީންނަށް ނުކުރެވޭނެ ކަމެއް ނޫން ކަމަށާ ނަމަވެސް މިހާތަނަށް ކުރެވުނު ތަޖުރިބާއަށް ބަލާއިރު މިފްކޯއަށް ބޭނުން ވަނީ މި ސިނާއަތާއި ގުޅުމެއް ނެތް މިނިވަން ކަމާއެކު މަސައްކަތް ކުރާނެ ތަޖުރިބާހުރި އިހްލާސްތެރި މީހަކަށް ކަމަށް ރައީސް ވިދާޅުވެފައި އެވެ.
”މިފްކޯ ދެން ނަގާ ކޮޅަށް ޖެހޭނީ ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފެންވަރު ގައި ކުންފުނިތަށް ހިންގާފައި ހުރި ހިންގުންތެރި ތަޖުރިބާކާރު މީހަކު ހަޔާ ކޮށްގެން ގެނެސް މިފްކޯއާ ހަވާލުކޮށްގެން،“ މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައިމިވަނީ، ކުރިން އެމަގާމުގައި ހުންނެވި އަހްމަދު ޝަމާހް ރަޝީދު ސީއީއޯގެ މަގާމުންނާއި މިފްކޯގެ ބޯޑު ޑިރެކްޓަރު ކަމުގެ މަގާމުން ވަކިކުރެއްވިތާ ހަމަހަށް ވުރެ ގިނަ ދުވަސްވީފަހުންނެވެ. ޝަމާހް މަގާމުން ވަކިކުރެއްވީ، މިއަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު އެވެ. ސީއީއޯއަކު ނެތި ހިނގައިދިޔަ މުއްދަތުގައި، އެކުންފުނި ވަގުތީ ގޮތުނު ހިންގަމުން އައިސްފައިވަނީ، އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު އިލްޔާސް ހަނީފް އެވެ.