މަސްވެރިކަމުގެ ސިނާއަތުގެ ހުރިހައި ކޮންޓްރޯލެއް ސަރުކާރުން ގެންގުޅުމުގެ ބަދަލުގައި އެ ކޮންޓްރޯލް ނުވަތަ އެ ބާރު އާންމު މަސްވެރިންގެ އަތްމައްޗަށް ދޫކޮށްލައްވަން ބޭނުންފުޅުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް، މިހެން ވިދާޅުވީ މިއަދު އއ.ރަސްދޫައަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސްގެ ވާހަކަފުޅުގައި، މަސްވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިގުތިސާދު ފުޅާކުރުމުގައި އެންމެ މުހިންމު އެއް ދާއިރާކަން ފާހަގަކުރައްވައި، މަސްވެރިކަމުގެ ސިނާއަތަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވި އެވެ.
”މިރަށުގަވެސް ކަންނެލި މަސްވެރިކަމަށް ނިކުންނަ 12-13 ވަރަކަށް އުޅަނދު މިއޮތީ. އަޅުގަނޑު އެދެނީ މިރަށުގެ މަސްވެރިންވެސް އިތުރަށް ފުޅާވެގެންދާން. އިތުރު އޮޑިތައްވެސް ބަންނަން.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މަސްވެރިކަމަށް އައިހަކީ ވަރަށް މުހިންމު އެއްޗެއްކަމަށާއި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އައިސް ޕްލާންޓް ގާއިމުކުރުމަށް އަދި އިތުރުކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައިވެސް ހިމަނާފައިވާނެކަމަށެވެ. އެގޮތުން، ސައުދީ ޑެވެލޮޕްމެންޓް ފަންޑާއި، މަލްޓިލެޓެރަލް އޭޖެންސީތަކުގެ ފަންޑާއި ދައުލަތުގެ ބަޖެޓުގެތެރެއިން ފައިސާ ހަމަ ޖައްސައިގެން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށް ވިދާޅުވި އެވެ. އަދި، އައިސް ޕްލާންޓްތައް ގާއިމުކޮށް ނިމުމާއެކު، ކައުންސިލުން އެތަން ހިންގަން ބޭނުންވާނަމަ، ކައުންސިލާ ހަވާލުކޮށްގެން އައިސް ޕްލާންޓުތައް ހިންގަން ބޭނުންފުޅުވާކަމަށް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ރަށްރަށުގައި އައިސް ޕްލާންޓް ގާއިމުކުރުމާއި އެކުއެކީގައި. އާންމު މަސްވެރިންނާއި ކެޔޮޅުންނާއި އޮޑިވެރިންނަށް އެމީހުންގެ އޮޑީގައި އާރްއެސްޑަބްލިއު ސިސްޓެމް ފެސިލިޓީ ގާއިމުކޮށް، އަމިއްލަޔަށް އައިސް އުފައްދައިގެން ރައްކާތެރިކަމާއެކު މަސް ގެންގުޅޭނެ ކެޕޭސިޓީ ގާއިމުކޮށްދިނުމަށް
ސަރުކާރުން ލޯނުދޭން ފަށާފައިވާކަމާއި، ވަރަަށް ގިނަ މަސްވެރިން އެކަމުގެ ފައިދާ ހޯދަމުންދާކަން ފާހަގަކުރެއްވި އެވެ. އަދި އަންނަ އަހަރު އެ މަސައްކަތްވެސް އިތުރަށް ފުޅާކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، މަސްވެރިކަމުގައި ސަރުކާރުގެ އެއްވެސް ކޮންޓްރޯލެއް ގެންގުޅެން ބޭނުންނުވާކަމަށާއި، އެ މަނިކުފާނުު ބޭނުންފުޅުވަނީ އެހުރިހާ ކޮންޓްރޯލެއް މަސްވެރިންނަށް ދޫކޮށްލުމަށް ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑު ބޭނުންވަނީ ސަރުކާރުން ހުރިހައި ކަމެއް ނުގެންގުޅެ، ސަރުކާރުން ހުރިހައި ކަމެއްގެ ކޮންޓްރޯލް ނުގެންގުޅެ، އާންމު މަސްވެރިންނަށް އެ ފުރުސަތު ދޭން. ވިޔަފާރިވެރިންނަށް އެފުރުސަތު ދޭން. ސަރުކާރުގަ މިއޮންނަ ކޮންޓްރޯލް، އެބާރު ދޫކޮށްލަން މަސްވެރިންގެ އަތްމައްޗަށް. އެހެންވީމައި ދޯނިތަކުގެ އާރްއެސްޑަބްލިއު ޕްލާންޓް ގާއިމު ފުރުސަތު ދޭން ނިންމާފަ. އިރާދަ ކުރެއްވިއްޔާ މިރަށުގެ މަސްވެރިންނަށްވެސް އެފުރުސަތު އޮންނާނެ އަމިއްލަފުޅަށް އެ ކެޕޭސިޓީ ގާއިމުކުރުމަށް. ލޯނުގެ އެހީތެރިކަން މިދެނީ، ލުއި ލޯނު.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންނާ މަސްވެރިންނާއި ގާތުން މަސްވެރިކަމުގެ ސިނާއަތު ފުޅާކުރަން ބޭނުންފުޅުވާކަމަށާއި، މަސްވެރިކަމަށް އެމަނިކުފާނު ދެއްވާ އިސްކަން އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތާނގައި ރައްޔިތުންނަށް ފެނިގެންދާނެކަމަށެވެ.