މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިންގެ ފޯރަމެއް ބާއްވަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
”މަސްވެރިންގެ ފޯރަމް 2024“ އަކީ، މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ސިނާޢަތާއި ގުޅުންހުރި އެކިއެކި މަޢުލޫމާތު ފޯރުކޮށްދިނުމާއި، ސިނާޢަތުގައި ހުރިދަތިތައް ހައްލުކުރާނެ ގޮތްތަކާއި، ސިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ. މި ފޯރަމް ބާއްވަނީ ޑިސެންބަރު މަހުގެ 11 އިން 14 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސިޓީގައެވެ.
މި ފޯރަމާއި، މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއާއި، ދުވަހާ ގުޅިގެން މާލެ ސިޓީގައި ބާއްވަން ނިންމާފައިވާ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ދަޢުވަތު، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ކަނޑައެޅޭ 2 ފަރާތަކަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީން ނިންމާފައި ވެއެވެ. މި 2 ފަރާތަކީ ކޮންމެ ރަށެއްގެވެސް ކަނޑު މަސްވެރިކަން ތަމްސީލުކުރާނެ، މަސްވެރިކަމުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ، މަސްވެރިކަން ކުރާ އުޅަނދެއްގެ ކެޔޮޅު، ނުވަތަ ފަޅުވެރިޔަކަށްވާންވާނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މި ބައިވެރިންގެ ދަތުރު ޚަރަދާއި، ހުރުމާއި ކެއުމުގެ ޚަރަދު ހަމަޖައްސައިދެނީ ފިޝަރީޒް މިނިސްޓްރީންނެވެ.
މަސްވެރިންގެ ދުވަސް ސަރުކާރުން ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެންބަރުމަހުގެ 10 ވަނަ ދުވަހުއެވެ. މިއަހަރު ފާހަގަކުރާނީ 44 ވަނަ މަސްވެރިންގެ ދުވަހެވެ.