back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިންގެ ދުވަހު ދޭ އެވޯޑް ފަރުމާކޮށްގެން ފަނަރަހާސް ރުފިޔާ ހޯދުމުގެ ފުރުސަތު!

މަސްވެރިން ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފްލާގައި އެކި ސަރުކާރުން ދެމުން އަންނަ އެވޯޑް ފަރުމާ ކުރުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެވޯޑު ފަރުމާކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް މިނިސްޓްރީން ފުރުސަތު ހުޅުވާލީ މިމަހުގެ 14 ވަނަ ދުވަހު އެވެ. މިމަސައްކތްކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީން އާންމުކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް އެވޯޑް ފަރުމާކޮށް، 20 ނޮވެމްބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން fisheriesmanagement@fisheries.gov.mv އަށް ފޮނުއްވުމަށް މިނިސްޓްރީން އެދިފައި ވެއެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ، އީ މެއިލްމެދުވެރިކޮށް މައުލޫމާތު ސާފުކޮށްލެވޭނެއެވެ. އަދި މިނިސްޓްރީގެ ނަންބަރުތަކަށް(3339224/3339229) ގުޅާލައިގެންވެސް މައުލޫމާތު ސާފުކޮށްލެވޭނެއެވެ.
މިނިސްޓްރީން ބުނީ، ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލްކަމަށެވެ. އަދި، އެއްފަރާތަކަށް ވުރެ ގިނަ ފަރާތްތަކުން ގުޅިގެންވެސް ޕްރޮޕޯސަލެއް ހުށަހެޅިދާނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެވޯޑް ފަރުމާކުރަން ޖެހެނީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޝިއާރާއި، މަސްވެރިކަމުގެ ސިނާއަތް އެކަށީގެންވާ ގޮތެއްގައި ރަމްޒު ކޮށްދޭނެފަދަގޮތަކަށެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޝިއާރަކީ، ”މަސްވެރިކަމުގެ ސިނާއަތު ސިންދަފާތުކުރުމުގައި ޒުވާނުންގެ ބައިވެރިވުން“ އެވެ. މިނިސްޓްރީން ބުނީ، ޑިޒައިން އިޚްތިޔާރު ކުރުމުގައި ޒަމާނުއްސުރު ދެމެހެއްޓެނިވި ގޮތުއްގައި ދިވެހިން ކުރަމުން އައިސްފައިވާ ދޮށީގެ މަސްވެރިކަމާއި، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރުމުގެ މުހިންމުކަން ދައްކުވައިދޭ ޒަމާނީ އަދި އިޖާދީ ހުށަހެޅުންތަކަށް އިސްކަންދޭނެކަމަށެވެ.

އެވޯޑް ފަރުމާ ކުރަންޖެހެނީ، ފަރުމާ ހުށަހަޅާ ފަރާތުން އަމިއްލައަށެވެ. އެވޯޑްގެ ގޮތުގައި ބޭނުންކުރުމަށް ހޮވޭ ޑިޒައިން ފަރުމާކުރި ފަރާތަށް ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

މިނިސްޓްރީންވަނީ، މަސްވެރިންގެ ދުވަހުގެ އެވޯޑްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތުވެސް އޮކްޓޯބަރުމަހުގެ 9 ވަނަ ދުވަހު ހުޅުވާލާފަ އެވެ. އެވޯޑްތަކަށް ހުށަހެޅުމުގެ ސުންގަޑިއަކީ 21 ނޮވެމްބަރ 2024 އެވެ.

މަސްވެރިންގެ ދުވަހުގެ އެވޯޑަށް ނަން ހުށަހެޅުމަށް އިތުރު ދެ ހަފުތާ ދީފި

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އާޓް އެގްޒިބިޝަން އަށް އާޓްވޯކް ހުށަހެޅުމުގެ ފުރުސަތުވެސް މިނިސްޓްރީއިން ވަނީ ހުޅުވާލާފަ އެވެ. މި އެގްޒިބިޝަނަށް އާޓްވޯކް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ކަމާގުޅޭ ފޯމް ފުރިހަމަ ކުރުމަށް ފަހު 21 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށް އެދިފައި ވެއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އާޓް އެގްޒިބިޝަނެއް ބާއްވަނީ

ސަރުކާރުން މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މިއަހަރު ފާހަގަކުރާނީ 44 ވަނަ މަސްވެރިންގެ ދުވަހެވެ. މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރަނީ މާލެސިޓީގައެވެ.

މިލިޔުމާއި ގުޅޭ