މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) ގެ ކޯސްޓް ގާޑް ޝިޕް، ”ހުރަވީ“ މަރާމާތުކުރުމަށް އިންޑިއާއަށް ގެންގޮސްފި އެވެ.
2023 ވަނަ އަހަރު އިންޑިއާއިން ހަދިޔާކުރި ކޯސްޓްގާޑް ޝިޕް ”ހުރަވީ“ މަރާމާތުކުރުމަށް އިންޑިއާއަށް ގެންގޮސް އިއްޔެ މުމްބައީގައި އޮންނަ ނޭވަލް ޑޮކްޔާޑްގައި ބަނދަރުކޮށްފައިވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ. މި ދަތުރުގައި، ހުރަވީ މަރާމާތުކުރުމުގެ އިތުރުން އަޕްގްރޭޑްކޮށް ގާބިލިއްޔަތުކަން އިތުރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތަށް ހަތަރު މިލިއަން ޑޮލަރު އަރާނެކަމަށް އަންދާޒާކޮށްފައި ވެއެވެ. މި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުންނެވެ.
”ހުރަވީ“ އިންޑިއާއަށް ކުރި ދަތުުރުގައި އެ އުޅަނދު އެސްކޯޓްކޮށްފައިވަނީ އިންޑިއާގެ ނޭވީ ޝިޕް ތަލްވާރް އެވެ. ”ހުރަވީ“ އާ ރަސްމީކޮށް ހަވާލުވީ ނޭވަލް ޑޮކްޔާޑްގެ އެޑްމިރަލް ސުޕްރިންޓެންޑެންޓް އަންކުރް ޝަރްމާ އެވެ. ހަވާލުކޮށްދެއްވީ ހުރަވީގެ ކޮމާންޑިންގ އޮފިސަރު ލެފްޓިނެންޓް ކާނަލް އަހްމަދު ޝިޔާމް އެވެ.
ރާއްޖެއަކީ އިންޑިއާގެ މެރިޓައިމްގެ މައި އަވަށްޓެރިއާ އެވެ. އިންޑިއާ ސަރުކާރުން ގެންގުޅޭ ”ނެއިބަހުޑް ފަސްޓް ޕޮލިސީ“ އަދި ”ވިޝަން ސާގަރް“ ގެ ދަށުން ރާއްޖެއާއެކު އިސްތިރާޖީ އަދި އަސްކަރީ ގާތްގުޅުމެއް އިންޑިއާއިން ދަނީ ބާއްވަމުންނެވެ.
ރާއްޖޭގެ ކަނޑުގެ އަސްކަރިއްޔާގެ އެންމެ ބޮޑު އުޅަނދު ކޯސްޓްގާޑް ”ހުރަވީ“ގެ ގޮތުގައި މީގެކުރިން ބޭނުންކުރި އުޅަނދަކީވެސް އިންޑިއާއިން 2006 ވަނަ އަހަރު ހަދިޔާ ކުރި އުޅަނދެކެވެ. އެ އުޅަނދުވެސް އިންޑިއާއިން 6 ފަހަރެއްގެ މަތިން މަރާމާތުކޮށްދީފައި ވެއެވެ. ކޯސްޓްގާޑް ”ކާމިޔާބު“ އަކީވެސް އިންޑިއާއިން 2019 ވަނަ އަހަރު ހަދިޔާ ކުރީ އުޅަނދެކެވެ.