މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ2023 ވަނަ އަހަރުގެ އަހަރީ އާންމު ބައްދަލުވުން ބާއްވައިފި އެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުމާ ގުޅޭގޮތުން މިފްކޯއިން ބުނެފައިވަނީ، އަހަރީ އާންމު ޖަލްސާގައި، 2023 ވަނަ އަހަރު ލިބުނު މުހިންމު ކުރިއެރުންތަކަށް އަލިއަޅުވާލާ، ކުންފުންޏަށް ބަދަލު ގެންނަން އެކުލަވާލާފައިވާ އިސްތިރާޖީތައް ހިއްސާކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި މި ވަގުތު ކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި، އެކްޓިން ސީއީއޯ އިލްޔާސް ހަނީފް 2023 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ލިބުނު ބޮޑެތި ކުރިއެރުންތަކާއި، ކުންފުންޏަށް ގެންނަން ނިންމާފައިވާ ބަދަލުތައް ހިއްސާދާރުންނާ ހިއްސާކުރައްވާފައިވާކަމަށް މިފްކޯއިން ބުނެފައި ވެއެވެ. އަދި، ވޭތުވެދިޔަ އަހަރުގެ މުހިންމު ކާމިޔާބީތަކަށް އަލިއަޅުވާލައްވައި، މިފްކޯގެ ކުރިއެރުމާއި ކާމިޔާބީ ދެމިއޮތުމަށް މަގުޗާޓެއް ހުށަހަޅުއްވާފައިވާކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
އާންމުގޮތެއްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާއަކީ ކުންފުނީގެ ގިނަ ނިންމުންތައް ނިންމާ ފާސްކުރާ ޖަލްސާއެކެވެ. އެހެންނަމަވެސް، މިފްކޯގެ
އަހަރީ އާންމު ބައްދަލުވުމާއި ގުޅޭ އިތުރު ތަފުސީލު ހާމަކޮށްފައި ނުވާތީ، އެ ޖަލްސާއިން ނިންމީ ކޮންކަމެއް ކަމެއް އިނގޭގޮތެއް ނުވެއެވެ.