ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން މިއަހަރުގެ ”މަސްވެރިންގެ ދުވަސް“ ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ޓަކައި، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ އަތޮޅުގެ ރަށު ކައުންސިލްތަކާއި ކުލަބު ޖަމްޢިއްޔާތަކަށް ހުޅުވާލައިފި އެވެ.
މިއީ، އެ ކައުންސިލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ދެ ވަނަ ފަހަރެވެ. އޮކްޓޯބަރު 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު އޭރު ހުޅުވާލި އެވެ. ދެވަނަ ފަހަރަށް އަލުން މިކަމަށް އިއުލާނުކުރީ ކޮން ސަބަބަކާހުރެކަމެއް ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.
ކައުންސިލުން މިކަމާގުޅޭގޮތުން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މަސްވެރިންގެ ދުވަސް ހޯސްޓްކުރަން ބޭނުންވާ ރަށްރަށުން، ޕްރޮޕޯސަލް ފުރިހަމަ ކުރެއްވުމަށްފަހު، ނޮވެންބަރު 13 ވާ ބުދަ ދުވަހުގެ 12:00 ކުރީން އެ ކައުންސިލްގެ ރަސްމީ އީމެއިލް info@halifatoll.gov.mv އަށް ނުވަތަ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެދޭކަމަށެވެ.
ހއ އަތޮޅުގައި ކުލަގަދަގޮތެއްގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ، އެއަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގަ އެވެ. މަސްވެރިންގެ ދުވަސް ހޯސްޓުކުރުމުގެ ފުރުޞަތު ލިބޭ ފަރާތަކަށް 30000.00 ރުފިޔާ ފައިސާގެ އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވާކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ސަރުކާރުން މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހުތިފާލުތައް ބޭއްވުމަށް ނިންމާފައިވަނީ މާލެ ސިޓީގަ އެވެ. މިއަހަރު ފާހަގަކުރަނީ 44 ވަނަ މަސްވެރިންގެ ދުވަހެވެ. މަސްވެރިންގެ ދުވަހު ސަރުކާރުން ދިނުމަށް ނިންމާފައިވާ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.