ކަނޑުފަޅުގެ ނަފާ‘ ލޯނު ސްކީމްގެ ދަށުން ފަރުމަހުގެ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލޯނު ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި ލޯނު ހަމަޖެހުނު 20 ފަރާތަކަށް، ލޯނުގެ ފުރަތަމަ އިންސްޓޯލްމެންޓްގެ ފައިސާ މިހާތަނަށް ދޫކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އިން ބުނެފި އެވެ.
ފަރުމަހުގެ މަސްވެރިކަން ތަރައްޤީކުރުމަށް މަސްވެރި ވުޒާރާއާއި އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑިއެފްސީ) ގުޅިގެން ކަނޑުފަޅުނަފާ ޕްރޮގްރާމްގް ތެރެއިން ފަރުމަހުގެ ލޯނަށް ހުޅުވާލީ މިއަހަރުގެ ފެބްރުވަރީ މަހުގެ 16 ވަނަ ދުވަހުއެވެ. ލޯނަށް އެދި ހުށަހެޅުމުގެ ސުންގަނޑި 30 އެޕްރީލް 2024އަށް ހަމަވިއިރު 121 ފަރާތަކުންވަނީ ލޯނަށް ހުށަހަޅާފައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ހާމަކުރިގޮތުގައި، މިލޯނު ފުރުސަތުގެ ދަށުން 62 ފަރާތެއްގެ ލޯނު ދިނުމަށް ނިންމާ މިއަދާހަމައަށް 37 ފަރާތެއްގެ ލޯނުވަނީ އެޕްރޫވްކޮށްފަ އެވެ. އަދި 20 ފަރާތަކަށް ލޯނުގެ ފުރަތަމަ އިންސްޓޯލްމެންޓަށްވާ ފައިސާ ވަނީ ދޫކޮށްފަ އެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މިލޯނަށް ހުޅުވާލިއިރު، 20 މިލިއަން ރުފިޔާ ކަނޑައެޅިނަމަވެސް ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އަދަދު ގިނަކަމުން ވީހާވެސް ގިނަ ފަރާތްތަކަކަށް ލޯނު ހަމަޖައްސައިދިނުމުގެގޮތުން، ލޯނަށް 10 މިލިއަން ރުފިޔާ އިތުރުކޮށް 30 މިލިއަން ރުފިޔާ ދޫކުރާގޮތަށް މިހާރު ކަނޑައަޅާފައިވާކަމަށެވެ.
ލޯނުގެ ގޮތުގައި އެންމެ ގިނަވެގެން ދޫކުރުމަށް ނިންމާފައިވަނީ 700،000 ރުފިޔާ އެވެ. ސްކީމްގެ ދަށުން ލޯނު ނަގާ ކަންކަމަށް 700،000 ރުފިޔާއަށްވުރެ އިތުރުވާނަމަ އެޚަރަދު ކުރަންޖެހޭނީ ލޯނަށް އެދޭ ފަރާތުން ކަމަށް ވެސް އެސްޑީއެފްސީން ބުނެއެވެ. މީގެ އިތުރުން، ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން ހަމަސް ދުވަސް ދޭނެކަމަށާއި، ލޯނު އަނބުރާ ދެއްކުމަށް، ގިނަވެގެން 10 އަހަރުގެ މުއްދަތެއް ދޭނެކަމަށް އެސްޑީއެފްސީން ބުނެއެވެ. ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި ނަގަން ކަނޑައަޅާފައި ވަނީ %5 އެވެ.
މި ލޯނަކީި، ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދު އަލަށް ބަނުމަށް ނުވަތަ ގަތުމަށާއި، ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދު މަރާމާތުކުރުމާއި އިތުރު ބަދަލުގެނައުމަށާއި، ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދުގައި އިންޖީނު އެޅުމަށާއި، ފަރުމަހުގެ މަސްވެރިކަމަށް ބޭނުންވާ ވަސީލަތްތައް ގަތުމަށް ދޫކުރާ ލޯނެކެވެ. އޭގެތެރެއިން ލޯނު ފައިސާއިން ގަނެވޭނީ، ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދުގައި ހަރުކުރާ މަސްވެރިކަމުގެ އާލާތްތަކާއި ވަސީލަތްތައް ގަތުމަށާއި، މަސް ބަންދުކުރާ މެޝިނަރީއާއި އާލާތްތައް ގަތުމަށާއި، މަސް ރައްކާކުރާ ވަސީލަތްތަކާއި އާލާތްތައް ގަތުމަށް ކަމަށް އެސްޑީއެފްސީން ބުނެފައި ވެއެވެ.
މި ލޯނު ލިބުނު ފަރާތްތަކާ ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ ބައްދަލުކޮށްފަ އެވެ. ބައްދަލުވުން ބޭއްވީ އިސްލާމީ މަރުކަޒު ހޯލުގަ އެވެ.