ހއ އިހަވަންދޫ އައިސް ޕްލާންޓުން އެރަށު ހުރިހައި ދޯންޏަކަށް ވާވަރަށް އައިސް ދޫކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އިހަވަންދޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު އިހަވަންދޫގައި އަޅާފައި ހުރި އައިސް ޕްލާންޓަކީ ދިވެހި ރާއްޖޭގައި ހުރި އެންމެ ކުރީގައި އެޅިފައި ހުރި ބްލޮކް އައިސް ޕްލާންޓެއް ކަމަށެވެ. އެހެންކަމުން އިރުއިރުކޮޅާ މައްސަލަ ޖެހޭ ކަމަށެވެ.
”އަޅުގަނޑުމެން އައި ފަހުންވެސް މައްސަލަ ޖެހިއްޖެ. ﷲ އިރާދަފުޅުން އަޅުގަނޑުމެންނަށް އެކަމަށް އެޓެންޑްވެވި މިހާރު ވަނީ އައިސް ލިބޭގޮތް ހެދިފައި. އުދަނގޫތަކެއް އެބަހުރި.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އިހަވަންދޫގައި މީގެ ކުރިން ފަންސަވީސް މަސް ދޯނި ހަރަކާތްތެރިވި ކަމަށާއި، އެހެންނަމަވެސް މިހާރު މަހަށް ފުރަނީ އެންމެ ފަނަރަ ދޯނި ކަމަށެވެ. އަދި މި ފަނަރަ ދޯންޏަށްވެސް އައިސް ދޫކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެކަމަށް ހައްލު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
”އިހަވަންދޫގައި ހަރަކާތްތެރިވާ ފަނަރަ ދޯންޏަށްވެސް އައިސް ދިނުމުގައި ގޮންޖެހުންތަކެއް އެބަހުރި. އަދި ކޮބައިތޯ އިހަވަންދޫއަށް އައިސް އަޅަން އަންނަ އެހެން ރަށްރަށުގެ ދޯނިތައް؟ އެހެންކަމުން އައިސް ޕްލާންޓަށް ފުރިަހަމަ ހައްލެއް އިރާދަކުރެއްވިއްޔާ ރައީސް މުއިއްޒު އެބަ ހޯއްދަވައިދެއްވާ.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ބޮޑު ތިލަދުންމަތީ މަސްވެރިން މަސްކޮޅު ކިރާލަން ފެލިވަރާ ހިސާބަށް ދާން ނުޖެހޭ ވަރުގެ ހައްލެއް މި ސަރުކާރުން ގެންނާނެ ކަމަށެވެ.