މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ބޯޓުތަކުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރުމާއި ގުޅޭ ފަހުމުނާމާއެއްގައި ދެކުންފުނިން މިއަދު ސޮއިކޮށްފި އެވެ.
މިއަދު ހަވީރު އެސްޓީއޯ ޓްރެއިނިންގް އިންސްޓްޓިއުޓްގައި މިކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި، އެމްއެސްއެސްގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ޝަރީފް އެވެ. އަދި މިފްކޯގެ ފަރާތުން ފަހުމުނާމާގައި ސޮއި ކުރެއްވީ އެކުންފުނީގެ ހިންގުމާ ހަވާލުވެހުންނެވި ސީއެފްއޯ އިލްޔާސް ޙަނީފް އެވެ.
މިފްކޯއިން ބުނީ ފަހުމުނާމާއިގެ ދަށުން، މިފްކޯގެ މަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ހުރިހާ ލޮޖިސްޓިކްސް ސޮލިއުޝަންއެއް އެމްއެސްއެސް ފޯރުކޮށްދޭނެކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މިފްކޯ ފެސިލިޓީތަކުން އެމްއެސްއެސްގެ ކޮންޓެއިނަރުތަކަށް މިފްކޯގެ ޕްރޮޑަކްޓްތަކުގެ ތެރެއިން ފުރޯޒަން ޓޫނާ, ކޭންޑް ޓޫނާ, ޓޫނާ ޕައުޗް އަދި ފިޝްމީލް ލޯޑުކޮށް، މި ކޮންޓެއިނަރުތައް އެމްއެސްއެސްގެ ލޯކަލް އިންޓަރ އެޓޯލް ޓްރާންސްޕޯޓް ކުރާ ބޯޓު ”އެމްއެސްއެސް އޯޕަލް“ މެދުވެރިކޮށް މާލެ ގެނެސް، މިތަކެތި ރާއްޖެއިން ބޭރަށް ދަތުރުކުރާ އެމްއެސްއެސްގެ ފީޑަރ ބޯޓުތަކުގައި އޭގެ މަންޒިލަށް އެކްސްޕޯޓް ކުރުމަށް ހަމަޖެހިފައި ވެއެވެ.
”ޒަމާނުއްސުރެ މިފްކޯއިން މަސް އެކްސްޕޯޓް ކުރަމުން އައީ، ސަޕްލައި ދޯނިފަހަރުގައި ޖަނަރޭޓަރ ސެޓް ގުޅައި، އެއަށް ރީފަރ ކޮންޓެއިނަރު ލޯޑް ކޮށްގެން މާލެ ގެނެސް ނުވަތަ ރީފަރ އުޅަނދުފަހަރަށް ބަލްކްކޮށް މަސް ލޯޑުކޮށްގެން. އެމްއެސްއެސްއާއެކު އަލަށް ފެށި މި އެއްބަސްވުމުގެ ސަބަބުން މީގެ ކުރިން މަސް އެކްސްޕޯޓް ކުރަމުން އައި ގޮތް ބަދަލުވެ، މިކަމަށް ދާ ޚަރަދު ކުޑަވެ، މިފްކޯގެ ސްޓޯރޭޖް ދަތިތަކަށް ޙައްލެއް ލިބި، އެހެން މާކެޓްތަކަށް ފަސޭހަކަމާއެކު މިފްކޯއަށް ވާސިލްވުމުގެ ފުރުސަތު ހުޅުވިގެންދާނެ.“ މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން ބުނީ، މިއެއްބަސްވުމުގެ ސަބަބުން އެމްއެސްއެސް މެދުވެރިކޮށް ދުނިޔޭގެ ކޮންމެތަނަކަށްވެސް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ، އަދި، އެމްއެސްއެސް އިން މިފްކޯގެ މަސް އެކްސްޕޯޓު ކުރުމުގެ ޓެކްނިކަލް މަސައްކަތާއި ހަވާލުވުމުން، މިފްކޯގެ ކުރިން ހިނގަމުންދިޔަ އޮޕަރޭޝަން ލުއިވެ، މިފްކޯގެ މައިގަނޑު މަސައްކަތް ކަމުގައިވާ ދިވެހި މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމުގެ މަސައްކަތަށް އިތުރަށް ސަމާލުވެ މަސްއޫލުވުމަށް ފުރުޞަތު ލިބިގެންދާނެކަމަށެވެ.
މި ޚިދުމަތުގެ ސަބަބުން އެމްއެސްއެސްއަށާއި، މިފްކޯ، އަދި ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް މަސްވެރިކަމުގެ ސިނާއަތަށް ފައިދާކުރާނެ ކަމަށް ބެލެވެއެވެ.