ކުރިޔަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް، ގަދަ ވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެކޮޅުގަނޑު އުފެދި، ވޭތުވެދިޔަ ހަތަރު ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދަށް އާންމު ވައިގަދަވެ، ވިލާގަނޑުގައި ވައިި ވަރަށް ގަދަވެފައިވާކަމަށެވެ.
”ވިލާގަނޑުގައި އެންމެ ވައިގަދަވިކަމަށް ރިކޯޑުކުރެވިފައިވަނީ، ބ. ދަރަވަންދޫގައި 2024 އޮކްޓޯބަރު 9 ވަނަ ދުވަހު 23:10 ގައި ގަޑިއަކު 55 މޭލު ބާރުމިނަށް.“ މެޓް އޮފީހުން ބުނެފައި ވެއެވެ.
މެޓް އޮފީހުން ބުނީ ހުޅުލެއަށް މިއަދު 05:40 ގައި ގަޑިއަކު 58 މޭލަށް އަދި 10:46 ގައި 61 މޭލު ބާރުމިނުގަ ވައިޖެހުނު ކަމަށް ރިކޯޑް ކުރެވިފައިވާކަމަށެވެ. މި މުއްދަތުގައި އެންމެ ބޯކޮށް ވާރޭވެހިފައިވާކަމަށް ރިކޯޑުކުރެވިފައިވަނީ، 24 އޮކްޓޯބަރު 8 ވަނަ ދުވަހު ޏ ފުވައްމުލަކަށެވެ. އެއީ 120 މިލިމީޓަރެވެ.
މެޓް އޮފީހުން މޫސުން ކުރިޔަށް ލަފާކުރެވޭގޮތުގައި، ރާއްޖޭގެ ހުރިހައި ސަރަހައްދަކަށްވެސް، ހޯމަދުވަހާ ހަމަޔަށް އާންމު ވައި ގަދަކޮށް ހިފަހައްޓާނެ އެވެ. އެގޮތުން، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި، އެވްރެޖްކޮށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ވައިޖެހި، ބޮޑު ބަޔަކަށް ގަދަ ވަޔާއެކު ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި، ދެކުނުގެ އަތޮޅުތަކުގައި އެވަރެޖްކޮށް ގަޑިއަކު 10 މޭލާއި 20 ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު، ބައެއް އަތޮޅުތަކަށް ގަދަ ވަޔާއެކު،ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކޮށްފައި ވެއެވެ.
”ވިލާގަނޑުގައި ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 45 މޭލާއި 550 މޭލަށް ވައިގަދަވުން އެކެށީގެންވޭ.“ މެޓް އޮފީހުން ބުނެފައި ވެއެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު، ވިއްސާރަކޮށް، ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި، އާންމުކޮށް އުދަ އަރާ ސަރަހައްދުތަކަށް، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް ބުނެފައި ވެއެވެ.
މެޓް އޮފީހުންވަނީ، ގަދަ ވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި، ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތަކަށް ފެއްޓުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށްވެސް އެދިފައި ވެއެވެ.