ގއ. ދެއްވަދޫ އައިސް ޕްލާންޓް އަލުން އޮޕަރޭޝަނަށް ގެނައުމަށް، އެތަން މަރާމާތުކުރުމަށް ބޭނުންވާ ބަޖެޓް ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ދެއްވަދޫ އައިސް ޕްލާންޓް މީގެކުރިން ހިންގަމުން އައީ، ފެނަކަ ކޯޕަރޭޝަނުންނެވެ. އެހެންނަމަވެސް، އެތަން އޮޕަރޭޓް ނުކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ފެނަކައިގެ ޚަރަދު ކުޑަކުރަން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އައިސް ޕްލާންޓްތައް އޮޕަރޭޓްކުރުން ހުއްޓާލަން އެކުންފުނިން ނިންމުމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން މިހާރު ދަނީ އެތަން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އާ ހަވާލުކުރުމަށް ތައްޔާރުވަމުންނެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، އެ އައިސް ޕްލާންޓް ބަންދުކުރުމުގެ ވިސްނުމެއް ނެތްކަމަށެވެ. އަދި، އެތަން އޮޕަރޭޝަނަށް ގެންނަން އެއް މިލިއަން ރުފިޔާ ޚަރަދުވާނެކަމަށާއި، އެކަަމަށް ބޭނުންވާ ބަޖެޓް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް މިނިސްޓްރީން ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 23 ވަނަ ދުވަހު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް، ހުވަދު އަތޮޅަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ މަސްވެރިންނާއި ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވިއިރު އެފަރާތްތަކުން ދެއްވަދޫ އައިސް ޕްލާންޓުން ޚިދުމަތް ނުދޭތީ އެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި، އެ ޒިޔާރަތުގައި ދެއްވަދޫ އައިސް ޕްލާންޓް ބައްލަވާލައްވައި މިނިސްޓަރު ވިދާޅުވެފައިވަނީ ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ ޓެކްނީޝަނުންގެ ޓީމަކުން އައިސްޕްލާންޓް މަރާމަތުކޮށް، އައިސްޕްލާންޓު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފަށާގޮތަށް ހަމަޖެހިފައިވާކަމަށެވެ. އަދި ހަފުތާއެއްގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެކަމަށް އޭރު ވިދާޅުވި އެވެ. އެފަހުން ނުވަ މަސް ފާއިތުވެ ދިޔައިރުވެސް އެ ޕްލާންޓް އަޮޕަރޭޝަނަކަށް ނުގެނެވުނެވެ.
ގއ. ދެއްވަދޫ އައިސް ޕްލާންޓަކީ ރައީސް ޔާމީނުގެ ސަރުކާރުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އާ ހަވާލުކޮށްގެން ގާއިމުކުރި އައިސް ޕްލާންޓެކެވެ. 12 ނޮވެންބަރު 2014 ގައި މިފްކޯއާ ހަވާލުކޮށްގެން ގާއިމުކުރި 25 ޓަނުގެ މި އައިސް ޕްލާންޓް ހުޅުވައި ޚިދުމަތް ދޭން ފެށީ އެޕްރީލް 18، 2016 ގަ އެވެ. އޭރު އެތަން ހިންގަމުން އައީ މިފްކޯއިންނެވެ.
އައިސް ޕްލާންޓް ފެނަކައިގެ ދަށަށް ގެންދިޔައީ އެމްޑީޕީ ސަރުކާރުގައި، ސިޔާސަތުތަަކަށް ގެނައި ބަދަލުތަކާއެކުގަ އެވެ. އެތަން ފެނަކައާ ހަވާލުކުރި އިރުވެސް ބަރާބަރަށް އެތަނުގެ އޮޕަރޭޝަން ދިޔައީ ހިންގަމުންނެވެ.
ގއ އަތޮޅުގައި ފެނަކައިން ހިންގަމުން ދިޔަ އަނެއް ތިން އައިސް ޕްލާންޓް މިހާރު ވަނީ މިފްކޯއާ ހަވާލުކޮށްފަ އެވެ. އެއީ،ގެމަނަފުށި، ދާންދޫ އަދި ކޮލަމާފުށީ އައިސް ޕްލާންޓެވެ.