އުތުރުގެ އަތޮޅުތަކަށް ހެނދުނު ނެރުނު ރީނދޫ ސަމާލު ދަންމާލައި، ދެކުނުގެ އަތޮޅުތަކަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފި އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން، ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމަޔަށް ރީނދޫ ސަމާލު ނެރުނީ، ހެނދުނު 06:00 އިން 10:00 އާ ހަމަޔަށެވެ. އެއަތޮޅުތަކަށް ރީނދޫ ސަމާލު ނެރުނީ ބޯކޮށް ވާރޭވެހި ވައި ގަދަވާނެކަމަށް ލަފާކޮށްނެވެ. އެގޮތުން އެ ސަރަހައްދަށް، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ. އެ ސަމާލުގެ ވަގުތު ހަމަވުމާއެކު، މިހާރު ވަނީ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު އުވާލައި ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމަޔަށް ރީނދޫ ސަމާލު ދަންމާލަފައެވެ. އެ ސަމާލުގެ ދަންމާލާފައިނީ މެންދުރުފަހު 02:00 އަށެވެ.
މެޓް އޮފީހުން ވަނީ ހެނދުނު 10:00 ގައި، ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް ހުދު ސަމާލުވެސް ނެރެފަ އެވެ. އެއަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައިވަނީ މެންދުރުފަހު 02:00 އާ ހަމަަޔަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާތީ، ކުރިޔަށް އޮތް ހަތަރު ދުވަހުވެސް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި އާއްމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނުގެ ސަރަހައްދުތަކުގައި 13 މޭލާއި 23 މޭލު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި އިތުރަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
”ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވެގެން ދިއުން އެކަށިގެންވޭ. އެހެންކަމުން ރާއްޖޭގެ ހުރިހައި އަތޮޅެއްގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ.“ މެޓް އޮފީހުން ބުންޏެވެ.
ކުރިޔަށް އޮތް ހަތަރު ދުވަހުވެސް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ބެލެވޭއިރު، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުމަކީ އެކަށިގެންވާކަމެއްކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ، އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑު ދަތުުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން އެެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށްވެސް އެ އިދާރާއިން އެދިފައި ވެއެވެ.