ކުރިޔަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
އެ އިދާރާއިން އާންމުކުރި ލިޔުމެއްގައި ބުނެފައިވަނީ، މިވަގުތު، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާތީ، ކުރިޔަށް އޮތް ފަސް ދުވަހުވެސް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި އާއްމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނުގެ ސަރަހައްދުތަކުގައި 13 މޭލާއި 23 މޭލު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި އިތުރަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
”ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވެގެން ދިއުން އެކަށިގެންވޭ. އެހެންކަމުން ރާއްޖޭގެ ހުރިހައި އަތޮޅެއްގެ ކަނޑުތައް ވަރަށް ދަދަވާނެކަމަށް ލަފާކުރެވޭ.“ މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުންބުނީ، ކުރިޔަށް އޮތް ފަސް ދުވަހުވެސް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ބެލެވޭކަމަށެވެ.އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުމަކީ އެކަށިގެންވާކަމެއްކަމަށްވެސް ބުނެފައި ވެއެވެ.
ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ، އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑު ދަތުުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން އެެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށްވެސް އެ އިދާރާއިން އެދިފައި ވެއެވެ.
މޫސުން ގޯސްވެ ހެނދުނު 11:00 އިން ފެށިގެން މެންދުރުފަހު 03:00 ޖެހުމާ ހަމަޔަށް ހއ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމަޔަށް އޮތީ ރީނދޫ ސަމާލު ނެރެފަ އެވެ. ސަމާލު ނެރެފައިވާ ވަގުތުގަައި، އެއަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
މީގެ އިތުރުން، 01:45 އިން 19:45 އަށް ލަ އަތޮޅުން ފެށިގެން އައްށޫ ސިޓީއާ ހަމަޔަށް އޮތީ ހުދު ސަމާލު ނެެރެފަ އެވެ. ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެއަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.