މާލެ ސިޓީ، އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
މިއީ، އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަނގަކުރާ މުނާސަބަތާއި ގުޅިގެން ހަދާ މަސްފެންގަނޑެއްކަމަށް މިނިސްްޓްރީން ބުންޏެވެ.
މިނިސްޓްރީން އިއްޔެ ވަނީ މިކަން އިއުލާނުކޮށް، މަސްފެންގަނޑެއް ތައްޔާރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި ބީލަން ހުޅުވާލާފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިނިސްޓްރީއަށް ގޮސް މައުލޫމާތު ސާފުކުރުމަށްފަހު. މިމަހުގެ 6 ވަނަ ދުވަހުގެ 22:00 ގެ ކުރިން އެކަމަށް ކަނޑައަޅާފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީން އެދިފައި ވެއެވެ. ޕްރީބިޑް މީޓިން އޮންނާނީ، އޮކްޓޫބަރު 07 ވާ ހޯމަ ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގަ އެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 އޮކްޓޫބަރު 13 ވާ އާދީއްތަ ދުވަހުގެ 11:00 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 2024 އޮކްޓޫބަރު 09 ވާ ބުދަ ދުވަހުގެ 14:00 ކުރިން tender@islamicaffairs.gov.mv އަށް އީމެއިލް ކޮށްގެން ނުވަތަ 3020286،3020261 ނަންބަރާ ގުޅައިގެން މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީން އެދިފައި ވެއެވެ.