ލ މާމެންދޫަ އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމުގައި ލަސްވަމުންދަނީ އެތާނގެ ޖެންސެޓް މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއާ ޕާޓްސް ނުލިބެތީ ކަމަށް އެތަން ހިންގަމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ލ. މާމެންދޫ އައިސް ޕްލާންޓްގެ އޮޕަރޭޝަން ހުއްޓިފައި ހުންނަތާ ފަސް މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެެ. އެ އައިސް ޕްލާންޓް ނުހިންގާތީ އެއަތޮޅު މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުަރަމުންނެވެ. އެއީ، އެއަތޮޅު މާންދޫގައި ހިންގަމުން އަންނަ ހޮރައިޒަން އިން އޮޑިފަހަރަށް ބޭނުންވާ މިންވަރަށް އައިސް ނުވިއްކުމާއި، އައިސް ވިއްކާ އަގު ބޮޑުކަމުންނެވެ. ލ ސަރަހައްދަކީ، އެހެންއަތޮޅުތަކުގެ ގިނަ މަސްއޮޑިތައްވެސް މަސްވެރިކަމަށް ނިކުންނަ ސަރަަހައްދަކަށްވުމާއެކު ފެނަކައިން ހިންގާ އައިސް ޕްލާންޓްގެ ހުއްޓިފައި އޮތުމުން އައިސް ހޯދުމަށް މަސްވެރިންނަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.
ފެނަކައިން ބުނީ، އައިސް ޕްލާންޓް އޮޕަރޭޝަން ހުއްޓިފައިވަނީ އެތަނުގެ ޖެންސެޓް ހަލާކުވެގެންކަމަށާއި، އެތަން އޮޕަރޭޝަނަށް ގެނެވޭނީ ޖެންސެޓް މަރާމާތުކޮށްގެން ކަަމަށެވެ، ފެނަކައިން ޖެންސެޓް މަރާމާތުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެފަަހަރުަމަތިން އިއުލާނު(އާރްއެފްކިއު)ކޮށްފައިވާއިރު، ފުރަތަމަ ފަހަރު އެއްވެސް ފަރާތަކުން ކުރިމަތިލާފައެއް ނުވެއެވެ. ދެވަނަ ފަހަރަށް ކުރި އިއުލާނުގެ މުއްދަތު ހަމަވީ މިދިޔަ ހޯމަދުވަހުގެ ހެނދުނު 10:00 އާ ހަމަޔަށެވެ. ފެނަކައިން ބުނީ، މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމަށްކަމަށާއި، ސްޕެއާ ޕާޓްސް ލިބުނުހާ އަވަހަކަށް ޖެންސެޓް މަރާމާތުކޮށް ޚިދުމަތްދޭން ފަށާނެކަމަށެވެ.
ފެނަކައިން އައިސް ޕްލާންޓްތައް އޮޕަރޭޓް ކުރުން ހުއްޓާލުމަށް ނިންމާފައިވަނީ މިދިޔަ އޯގަސްޓްމަހުގެ އެއްވަނަ ދުވަހު އެވެ. އެއާއެކު އެކުންފުނިން އޮޕަރޭޓް ކުރަމުންދިޔަ 17 އައިސް ޕްލާންޓް މިފްކޯއާ ހަވާލުކުރުމުގެ މަރުހަލާތައް ފެށިފައިވާއިރު، މިފްކޯއާ މިހާތަނަށް ހަވާލުކުރެވުނީ ތިން އައިސް ޕްލާންޓެވެ. އެއީ:
- ބ. ތުޅާދޫ – 25 ޓަން (ފްލޭކްސް)
- ރ. އަލިފުށި – 25 ޓަން (ފްލޭކްސް)
- ގއ. ދާންދޫ – 25 ޓަން (ފްލޭކްސް)
ފެނަކައިން މީގެކުރިން ބުނެފައިވަނީ މިފްކޯއާ އައިސް ޕްލާންްޓްތައް ހަވާލުކުރުމުގެ މަރުހަލާތައް ނިމެންދެން އައިސް ޕްލާންޓްތަކުން މަސްވެރިންނަށް މެދުނުކެނޑި އައިސް ފޯރުކޮށްދޭނެކަމަށެވެ.
ލ. މާމެންދޫ އައިސްޕްލާންޓަކީ 50 ޓަނުގެ ކެޕޭސިޓީގެ އައިސް ޕްލާންޓެކެވެ. ދެ ކޮމްޕްރެސަރު އެއް ފަހަރާ ޖައްސައިގެން އައިސް އުފައްދާނަމަ ގަޑިއެއްގެ ތެރޭގައި ދޮޅުޓަނުގެ އައިސް އުފެއްދޭނެއެވެ.