މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓަޑް (މިފްކޯ)ގެ ބޯޑުގައި، މަސްވެރިން ތަމްސީލުކުރާނެ ފަރާތެއް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިއަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.
ސަރުކާރުގެ ހަފުތާ-14ގެ މަގުޗާޓުގައި ހިމަނާފައިވާ ހަރަކާތުގެ ދަށުން، މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް ޢައްޔަންކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. .
ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުން ހާމަކޮށް، ޖެނުއަރީ 28 ވަނަ ދުވަހު، ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ، މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ހަފުތާ-14 ގައި ކަނޑައަޅާފައިވާ ކަންތައް ފުރިހަމަކުރުމަށް މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ ފަރާތެއް މިވަގުތަށް ހިމެނުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އާންމުކޮށް ޢިއުލާނުކޮށް ހުޅުވާލައި، އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެޕްލިކޭޝަން ހުށަހަޅާފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ”މަސްވެރިއަކު“ މިފްކޯ ބޯޑަށް ޢައްޔަނުކުރުމަށް ރައީސް ނިންމެވި ކަމަށެވެ.
ރައީސް މިގޮތަށް ނިންމެވުމުގެ ކުރިންވެސް ފިޝަރީޒް މިނިސްޓްރީން ދިޔައީ، ދުރާލާ މި ވައުދު ފުއްދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 28 އިން މިއަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީން ހުޅުވާލި އެވެ.
މަސްވެރިން ތަމްސީލުކުރުމަށް އައްޔަނު ކުރާ މީހާގެ ހުންނަން ޖެހޭ ޝަރުތުތައް:
-
ދިވެއްސަކު ކަމުގައި ވުން
-
މަސްވެރިކަމުގައި މިހާރު ވެސް ހަރަކާތްތެރިވާ މީހަކަށް ވުން
-
އުމުރުން 18 އަހަރު ވެފައިވުން
-
ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އެއް އަހަރު (12 މަސް) އަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ފަސް އަހަރު ވެފައިވުން
މިނިސްޓްރީން އެ ހުޅުވާލި ފުރުސަތު ހަމަވެގެން އެތައް ދުވަހެއްވީއިރުވެސް، ނަން ހުށަހެޅީ ކިހާ އަދަދެއްގެ މަސްވެރިންނެއްކަމެއް އަދި އެ މަސައްކަތް ކުރިޔަށްދާ ގޮތެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
މިކަމާބެހޭ އިތުރު ތަފްސީލު ހޯދުމަށް، ކެތް މަދުވެފައި ތިއްބާ ފިޝަރީޒް މިނިސްޓްރީން މަރޗް މަހުގެ 7 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. އެދުވަހު ނޫސްވެރިޔަކު މިކަމާގުޅޭގޮތުން ސުވާލުކޮށްލުމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ، މިނިސްޓްރީން މަސްވެރިންނަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލީ ފަރާތްތަށް ޝޯޓް ލިސްޓުކޮށް، އައްޔަންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ. އަދި މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި މަސްވެރިން ތަމްސީލު ކުރާނެ މީހަކު ކަނޑައަޅާފައިވާ ކަމަށާއި، އެނަން އެދުވަހު (މާރޗް07) ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް(ޕީސީބީ) އަށް ފޮނުވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު އެދުވަހު ވިދާޅުވީ، މަސްވެރިން ތަމްސީލު ކުރާ ފަރާތެއް ބޯޑަށް އައްޔަނު ކުރެވެމުން މިފްކޯއިން ދުވަހުން ދުވަހަށް ކުރަމުންދާ މަސައްކަތް މަސްވެރިންނާއި ހިއްސާކުރެވިގެންދާނެ ކަމަށާއި، މިފްކޯ ހިންގުމުގައި މަސްވެރިންނަށް ބަސްބުނުމުގެ ޖާގަވެސް ލިބިގެން ދާނެކަމަށެވެ.
އޭގެފަހުން މިނިސްޓްރީ، ޕީސީބީ، މިފްކޯ އަދި ރައީސް އޮފީހުންވެސް މިކަމާގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. މަސްވެރިން ތަމްސީލުކުރާނެ މީހަކު މިފްކޯ ބޯޑަށް ކަނޑައެޅުމަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަކަށްވީއިރު، ފުރަތަމަ 100 ދުވަސް ވެސް ފާއިތުވެގެން ދިޔައީ އެވެ. ރައީސް އޮފީހުން މިކަމަށް މީހަކު އައްޔަން ކުރަން އިއުލާނު ކުރެއްވިތާވެސް 8 މަސް ވެގެން ހިނގައްޖެއެވެ. ސަރުކާރަށްވެސް 10 މަސްވެސް ފުރިއްޖެ އެވެ. އެ، ވައުދު ފުއްދޭ ގޮތެއް ނުވިއެވެ. މިކަން ނުވެގެން އުޅެނީ ކޮން ސަބަބަކާހުރެ ކަމެއް، ބުނެލަންވެސް ނުކެރުނެވެ.
މިހާތަނަށް ސާފުވާން އޮތް ކަމަކީ، ފިޝަރީޒް މިނިސްޓްރީން، އެ މިނިސްޓްރީގެ ދައުރު އަދާކޮށްފި ކަމެވެ. ދެން އުފެދޭ ސުވާލަކީ، އެކަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެކަމަށް ބޭފުޅަކު ކަނޑަނާޅުއްވަނީ ކީއްވެގެން ބާވައެވެ. އެމަނިކުފާނު ހިތްޕުޅާ ހަވަމާ ބޭފުޅަކު ފިޝަރީޒް މިނިސްޓަރު ހޮއްވެވި ބޭފުޅުންގެތެރޭގައި ނެތީބާވައެވެ. އެނޫނީ ސިޔާސީގޮތުން އެކަމަށް ކުފޫހަމަވާ ބޭފުޅަކު އައްޔަންކުރައްވަން މަޑުކުަރައްވަނީބާވައެވެ.
އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި މިފްކޯ، %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށްފައިވަނީ 20 ޑިސެންބަރު 2023 ގައެވެ. މިއީ، މިފްކޯގެ ހިންގުމުގެ ނިޒާމަށް ބަދަލު ގެނެސް ދިވެހި މަސްވެރިންގެ ފުރިހަމަ ބައިވެރިވުމާއެކު މިހާރަށްވުރެ ހަރުދަނާކޮށް ހިންގާ މިނިވަން ވަކި ކުންފުންޏެއްގެ ގޮތުގައި މިފްކޯ ކަނޑައެޅުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން އޭރު ބުނެފައި ވެއެވެ.