މަސްދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު (އާރްއެސްޑަބްލިޔު) ގާއިމުކުރުމުގެ މަޝްރޫއު އަލުން މުރާޖައާކޮށް ލޯނު އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިދިޔަ އަހަރު އިފްތިތާހުކުރި، މި މަޝްރޫއު ކުރިއަށް ގެންދަނީ ފިޝަރީޒް މިނިސްޓްރީއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެންނެވެ. މި މަޝްރޫއުގެ ދަށުން، މި ލޯނު މަޝްރޫއު އަލުން ހުޅުވާލީ މަސްވެރިންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ރިއާޔަތްކޮށް ލޯނުގެ ބޭނުން ކުރެވޭނެ ގިނަކަންކަން ހިމަނައިގެން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އަދި، ލޯނު ދެއްކުމަށް ލުއި ފަސޭހަތަކެއް ދިނުމަށް މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ހައްލުކުރުމަށް ހާއްސަ އިސްކަމެއްދީފައިވާނެ ކަމަށް ބުންޏެވެ. އެގޮތުން، ގެނެވުނު އެންމެ ބޮޑު ލުޔަކީ މަޝްރޫއުގެ ދަށުން ދޫކުރާ ލޯނުގެ ދަށުން ގަންނަ ތަކެތީގެ އަގުގެ %35 ޑިސްކައުންޓްކުރުމެވެ. އެ ލޯނުގެ ދަށުން، އާރްއެސްޑަބްލިޔު ސިސްޓަމް ގާއިމްކުރުމާއި ޖެނެރޭޓަރު ސެޓް ގަތުމާއި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށްވެސް ޚަރަދު ކުރެވޭނެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ދަށުން 700،000 އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ ކަމަށެވެ. ރަހުނަކާ ނުލައި ދޫކުރާ އެ ލޯނު އަނބުރާ ދެއްކުމަށް ދިހަ އަހަރު ލިބޭއިރު ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ.
އެ ލޯނަށް އެދުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލާފައިވާއިރު، ލޯނަށް އެދުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 30ގެ ނިޔަލަށް އޮންނާނެއެވެ. އެ ލޯނަށް އެދި ހުށަހަޅާނީ، އެސް.ޑީ.އެފް.ސީގެ ޕޯޓަލް (https://portal.sdfc.mv) މެދުވެރިކޮށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، އަމިއްލައަށް ނުވަތަ އެސްޑީއެފްސީގައި ރަޖިސްޓަރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް އެ ފެސިލިޓީއަށް އެދެވޭނެ ކަމަށާއި އެ ފެސިލީޓީއަށް އެދެވޭނީ، މަސްވެރިކަމުގެ ލައިސަންސް ނަގައިގެން މަހަށްދުއްވާ 50 ފޫޓު ހަމަވާ ދޯނިތަކަށް ކަމަށެވެ.
މި މަޝްރޫއަކީ މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުންނާއި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން މަސް ފިނިކުރުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.