ކޮޅުމަޑުލު އޮމަދޫ އިން މަހުގެ ބާވަތްތަކުން ތަކެތި އުފެއްދުމަށް ބީލަން ޢުޞޫލުން ދިގު މުއްދަތައް ބިން ދޫކުރުމަށް ނިންމައިފި އެވެ.
އޮމަދޫ ކައުންސިލުން ބުނީ، އެރަށު ހުޅަނގު ދެކުނު ސަރަޙައްދު (ޕްލޮޓް ނަމްބަރު: 06 A-B) އިން3،000 އަކަ ފޫޓްގެ ދެ ބިން ބީލަން އުސޫލުން ދޫކުރަން ނިންމާފައިވާކަމަށެވެ. އަދި، އެ ދެ ބިންވެސް ދޫކުރާނީ20 އަހަރުގެ މުއްދަތެއްކަމަށާއި، ބިން ކުއްޔަށް ހިފާ ފަރާތަށް ގްރޭސް ޕީރިއެޑްގެ ގޮތުގައި އެއް އަހަރު ހަމަޖައްސައިދޭނެކަމަށެވެ.
ބިން ދޫކުރުމަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަގަ: އަކަ ފޫޓަކަށް ފަސްދޮޅަސް ލާރި އެވެ. އަދި ބިން ކުއްޔަށް ހިފާ ފަރާތުން ބިމާ ޙަވާލުވާ ތާރީޚުންފެށިގެން އެއް އަހަރުގެ ތެރޭގައި ބިމުގައި ރަސްމީކޮށް މަސައްކަތް ފަށަންވާނެކަމަށާއި، ބިމުގައި މަސައްކަތް ހިންގަންވާނީ ކަމާގުޅޭ އެންމެހައި ހުއްދަތައް ނަގައިގެންކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
އޮމަދޫ ކައުންސިލުން މިހާރު ވަނީ، ބިން ކުއްޔައް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ބީލަމުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން، މިމަހުގެ 30 ވަނަ ދުވަހު 10:30 ގެ ކުރިން ކައުންސިލް އިދާރާއަށް ގޮސް ނުވަތަ އެ އިދާރާގެ އީމެއިލް info@thaaomadhoo.gov.mv އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅިދާނެކަމަށް ކައުންސިލުން ބުންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް ކައުންސިލް އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން އެބަހުއްޓެވެ.
ކައުންސިލުން ބުނީ، ބީލަމާ ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކައުންސިލްގައި އޮންނާނެކަމަށާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކައުްނސިލް އިދާރާގައި ކަމަށެވެ.ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ކައުންސިލް އިދާރާގެ ނަމްބަރު 6780039 އާއި ގުޅާލުމުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.