މަސްވެރިންގެ ގައުމީ ދަފްތަރު ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ގދ އަތޮޅުގައި މަސްވެރިކަން ކުރަމުންދާ %95 އޮޑިފަހަރު ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުގެ ހަފުތާ-14 މަގުޗާޓުގައި ހިމަނައިގެން، މަސްވެރިންގެ ދަފްތަރު އެކުލަވާލާ، އެ ދަފްތަރު ފުރިހަމަކުރުމުގެ މަސައްކަތް ކުރިޔަށްދާތާ ހަތް މަސްވެއްޖެއެވެ. މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ ހުރިހާ ދޯންޏަކާއި އެ ދޯނިތަކުގެ ފަޅުވެރިން ދަފްތަރުކުރުމަށް ރާއްޖޭގެ 10 ސަރަަހައްދެއްގައި މިހާރުވެސް މިނިސްޓްރީގެ ޓީމްތަކުން ދަނީ، ހަރަކާތްތެރިވަމުންނެވެ.
މިއަދު މިނިސްޓްރީން ބުނީ، ގދ އަތޮޅުން %95 އޮޑި ފަހަރު ދަފްތަރު ކުރެވިއްޖެ ކަމަށެވެ. އަދި، މިދިޔަ ބުދަ ދުވަހު ބުނީ، އައްޑޫ ސިޓީން %83 އޮޑިފަހަރު ރަޖިސްޓްރީކޮށް ނިމިފައިވާކަމަށެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މިނިސްޓްރީން މިހާރު އަމާޒު ހިފާފައިވަނީ، އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ ހުރިހާ ދޯންޏަކާއި އެ ދޯނިތަކުގެ ފަޅުވެރިން ދަފުތަރުކޮށް ނިންމުމަށެވެ. އަދި، 1 އޮކްޓޯބަރުން ފެށިގެން މަސްވެރިކަމުގެ ލައިސަންސް އާކުރާއިރު، އޮޑިފަހަރުގެ ފަޅުވެރިން ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާކަން ޔަޤީންކުރާނެކަމަށް ފިޝަރީޒް މިނިސްޓްރީ ވަނީ ބުނެފަ އެވެ.
މިނިސްޓްރީން ވަނީ، ލައިސަންސް ލިބިފައިވާ އުޅަނދުތަކުގެ ފަޅުވެރިން 1 އޮކްޓޯބަރުގެ ކުރިން ދަފުތަރުގައި ރަޖިސްޓަރ ކުރެވިފައިވާކަން ޔަގީންކުރުމަށްވެސް އިލްތިމާސްކޮށްފަ އެވެ.