ރާއްޖޭގެ އެކި ހިސާބަށް މިރޭ ވިއްސާރަކުރާނެކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފި އެވެ.
އެ އިދާރާއިން މާދަމާ ހެނދުނު 06:00 ޖެހުމާ ހަމަޔަށް މޫސުން ލަފާކޮށް ބުނެފައިވަނީ، މެދު ރާއްޖެތެރެއާއި ދެކުނު އަތޮޅުތަކަށް ގުގުރައި، ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މިރޭ ވައިޖެހޭނީ، އުތުރާއި މެދު ރާއްޖެތެރޭ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށިގެންވާކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް، މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައި ވެއެވެ.
”ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ. ރާޅުނަގާނީ 3-6 ފޫޓްގެ އުސްމިނުގައި“ މެޓް އޮފީހުން ބުނެފައި ވެއެވެ.
ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ގުގުރުމާއެކު، ވާރޭވެހޭނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައެވެ. މިއަދު މެންދުރުފަހު 15:45 ގައި ނެރުނު ވައިޓް އެލާޓް ވަގުތު މިރޭ 21:45 އަށް ހަމަވުމުން، މިހާރު އެ އެލާޓްވަނީ މިރޭ މެންދަމު 03:00 އާ ހަމަޔަށް ދަންމާލާފަ އެވެ. މި ސަރަހައްދަށް އެލާޓް ނެރެފައިވާ ވަގުތުތަކުގައި، ވިލާ ގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.